ވަޒީފާއާއި ހުނަރުގެ އެންމެ ބިޔަ ހަރަކާތް "ވަރަ އެކްސްޕޯ 2026" ބޮޑެތި ޕާޓްނަރުންނާއެކު ފަށައިފިއެވެ.

ދިވެހި ޒުވާނުންގެ ހުނަރުވެރިކަން ކުރިއަރުވައި، ވަޒީފާގެ ބާޒާރަށް އަހުލުވެރި ކުރުވުމުގެ މަޤުޞަދުގައި ބާއްވާ "ވަރަ އެކްސްޕޯ 2026" މިއަދުން ފެށިގެން މިމަހުގެ 28 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާނެއެވެ.

އެކްސްޕޯ ހުޅުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރަސްމީކޮށް އެކްސްޕޯ ފައްޓަވައިދެއްވީ، ބަންޑާރަ ނައިބު އަހުމަދު އުޝާމްއެވެ. މި ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާންއާއި ކެބިނެޓުގެ ބައެއް ވަޒީރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ސަފީރުންނާއި ބައެއް އެމްބެސެޑަރުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އިޝްތިހާރު އިޝްތިހާރު

މިއީ ސަރުކާރުގެ ވުޒާރާތަކާއި، ދައުލަތުގެ މުއައްސަސާތައް އަދި އަމިއްލަ ވިޔަފާރިތައް ގުޅިގެން ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހުރި ފުރުޞަތުތަކާއި، ބޭނުންވާ މުހިންމު ހުނަރުތައް އަދި އުފެއްދުންތެރިކަން ދައްކާލުމަށް ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު އެކްސްޕޯއެވެ. މި އެކްސްޕޯގެ ސަބަބުން ވަޒީފާ ފަހިކޮށްދޭ ފަރާތްތަކާއި މަސައްކަތުގެ މައިދާނަށް ނުކުންނަން ތައްޔާރުވާ ފަރާތްތައް އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ، ވަޒީފާގެ މާހައުލާ ގުޅޭ އަގުހުރި މަޢުލޫމާތުތައް ބަދަލުކުރުމުގެ ފަހި ފުރުޞަތު ތަނަވަސް ވެގެންދާނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ އުންމީދުކުރަނީ 35000 ޒުވާނުން އައިސް، ހުށަހެޅިފައިވާ ވަޒީފާތައް ހޯދައި، ވަރައިގެ ބާރުގައި ކުރިއަށް ދެވޭނެ މަގުފަހިވާނެ ކަމަށެވެ. މަސައްކަތްތެރި ކަމުގައި ޒިންމާ އަދާކޮށްފައިވާ އެންމެ މުހިންމު މަސައްކަތަކީ ވަޒީފާގެ ފުރުސަތުތައް ފަހިކުރުން ކަމަށާއި، މިކަމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވިދާޅުވިއެެވެ. އަދި ކުރިއަށް އޮތްތަނުގައި ޤާބިލު ޒުވާނުންތަކެއް ބިނާވެގެން ދިޔުމަކީ އުއްމީދެއް ކަމަށްވެސް ޑރ. ނަޒީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގެ ތެރެއިން ވަނީ ޤައުމުގެ އަމާންކަން ކަށަވަރުކޮށް މަސައްކަތްތެރިން ބާރުވެރިކުރުމައި ޑިޖިޓަލް ކުރިމަގު ބިނާކުރުމަށް އަމާންކަމާއި ހިދުމަތްތައް ބަދަލުކުރުމުގެ އައު ޒަމާނެއް 2023-2026 ފޮތްވެސް ނެރެފައެވެ.

މިފަހަރުގެ އެކްސްޕޯގެ އެކްސްކްލޫސިވް ޕްލެޓިނަމް ޕާޓްނަރަކީ، ރާއްޖޭގެ މަޝްހޫރު ފަތުރުވެރިކަމުގެ ކުންފުނި ސަން ސިޔާމް ރިސޯޓްސްއެވެ. ސަރުކާރުގެ އެކި މުއައްސަސާތަކާއި އަމިއްލަ ގިނަ ކުންފުނިތަކަކުންވެސް މި އެކްސްޕޯގެ ޕާޓްނަރުންގެ ގޮތުގައި ވަނީ ބައިވެރިވެފައެވެ.

ޖުމްލަ 158 އެގްޒިބިޓަރުންނާއެކު ކުރިއަށްދާ މި އެކްސްޕޯ ބަހާލާފައިވަނީ، މައިގަނޑު 4 ޒޯނަކަށެވެ. އެއީ، 34 ބައިވެރިންނާއެކު ކެރިއަރ ޒޯން، 32 ބައިވެރިންނާއެކު އެޑިއުކޭޝަން ޒޯން، 19 ބައިވެރިންނާއެކު ހުނަރުވެރިކަމުގެ ތަޖުރިބާ ޒޯން އަދި 73 ބައިވެރިންނާއެކު މާކެޓު ޒޯނެވެ. މިއަދު ހަވީރުން ފެށިގެން ހޮނިހިރު ދުވަހުގެ ހަވީރާ ހަމައަށް ކުރިއަށްދާ މި އެކްސްޕޯއަކީ، ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ހުޅުވާލައިގެން ކުރިއަށްދާ އެންސްޕޯއެކެވެ.

މި އެކްސްޕޯ ވެގެންދާނީ ތަޢުލީމީ މަރުޙަލާ ނިންމައި މަސައްކަތުގެ މައިދާނަށް ނުކުންނަ ޒުވާނުންނަށާއި، ވަޒީފާގެ އައު ފުރުޞަތުތައް ހޯދަން އެދޭ ފަރާތްތަކަށް ބޭނުންތެރި މަޢުލޫމާތާއި މަގުތައް ފެންނާނެ މުހިންމު މަންސައަކަށެވެ. އެހެންކަމުން ވީހާވެސް ގިނަ ޒުވާނުންނާއި ޢާންމު ރައްޔިތުން މި އެކްސްޕޯއަށް ޒިޔާރަތް ކުރެއްވުމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވަނީ އެދިފައެވެ.