ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުން ފަހަތުން އަރައި 5-1 ގެ ބޮޑު ތަފާތަކުން ޕީއެސްވީ އެއިންދޯވަން ބަލިކޮށް، މުބާރާތުގައި ދަމަހައްޓަމުން އަންނަ ފުރިހަމަ ރެކޯޑު ދަމަހައްޓައިފިއެވެ.
ރެއާލް މެޑްރިޑްގެ އަމިއްލަ ދަނޑު ކަމަށްވާ ސެންޓިއާގޯ ބެރްނަބެއުގަައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން (62 އިންސައްތަ) އަދި ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސްކުރި ނަމަވެސް، ފުރަތަމަ ހާފު ނިމުނީ ޕީއެސްވީ ކުރީގައި އޮވެގެންނެވެ. މެޗުގެ 32 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޕީއެސްވީއަށް ލީޑު ނަގައިދިނީ އިވާން ޕެރިސިޗްއެވެ. މި ހާފުގައި ޕީއެސްވީން ވަނީ ޑިސިޕްލިން ހުރި ޑިފެންސިވް ކުޅުމެއް ދައްކައި ރެއާލްގެ ހަމަލާތައް ހުއްޓުވާފައެވެ.
ނަމަވެސް، ދެވަނަ ހާފުގައި މެޗުގެ އޮއިވަރު މުޅިން ބަދަލުވެގެން ދިޔައެވެ. ޓެކްޓިކަލީ ގެނައި ބަދަލުތަކާއެކު ރެއާލުން ދެވަނަ ހާފު ފެށީ ވަރުގަދަ އެޓޭކިން ގޭމަކާއެކުގައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 50 ވަނަ މިނެޓުގައި ފެޑެރީކޯ ވަލްވާޑޭ ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.
މި ލަނޑަށްފަހު، ރެއާލްގެ ކުޅުންތެރިން ވަނީ ޕީއެސްވީގެ ފަހަތް ފޫއަޅުވާލައި ފުލުފުލުގައި ލަނޑުތައް ކާމިޔާބުކޮށްފައެވެ. އެގޮތުން ޖޫޑް ބެލިންހަމް ލަނޑެއް ޖެހިއިރު، މޮޅު ކުޅުމެއް ދެއްކި ކީލިއަން އެމްބާޕޭ ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މެޗުގެ ފަހުކޮޅު ވިނީޝިއަސް ޖޫނިއާ ވެސް ވަނީ އިތުރު ލަނޑެއް ޖަހައި، ރެއާލްގެ މޮޅު ފުރިހަމަކޮށްދީފައެވެ.
މުޅި މެޗުގައި ރެއާލް މެޑްރިޑުން ޕީއެސްވީގެ ގޯލަށް 24 ހަމަލާ ފޮނުވާލިއިރު، އޭގެ ތެރެއިން 9 ހަމަލާ އަމާޒުވީ ގޯލަށެވެ. މި ނަތީޖާއާއެކު ރެއާލް މެޑްރިޑުން ވަނީ ދެވަނަ ހާފުގައި ދެއްކި މޮޅު ކުޅުމާއެކު، ޔޫރަޕްގެ އެންމެ ޝަރަފުވެރި މުބާރާތުގައި ބަލިނުވެ ކުރިއަށްދާ ޓީމެއްގެ ގޮތުގައި އެ ޓީމުގެ ބާރު އަނެއްކާވެސް ދައްކާލާފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.