މި އަހަރުގެ އޮކްޓޫބަރު މަހު ދައުލަތުން ކުރި ޚަރަދުތައް ފާހަގަކޮށްލެވޭ މިންވަރަކަށް ދަށްވެ، ލިބުނު އާމްދަނީ އިތުރުވެފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އެ ވުޒާރާއިން ނެރުނު މަންތްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން، ވޭތުވެދިޔަ އަހަރުގެ އޮކްޓޫބަރު މަހާ އަޅާބަލާއިރު މިއަހަރުގެ އެ މުއްދަތުގައި ދައުލަތުގެ ޖުމްލަ ޚަރަދު ވަނީ 5.9 އިންސައްތަ ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ އޮކްޓޫބަރުގައި 3.8 ބިލިއަން ރުފިޔާ ޚަރަދުވި ނަމަވެސް، މިއަހަރުގެ އެ މަހު ހޭދަވެފައިވަނީ 3.6 ބިލިއަން ރުފިޔާއެވެ.

ޚަރަދުތަކުގެ ތަފްޞީލު:

އިޝްތިހާރު އިޝްތިހާރު
  • ރިކަރަންޓް ޚަރަދު: މިދިޔަ އަހަރުގެ 3.1 ބިލިއަން ރުފިޔާއިން މިއަހަރު ވަނީ 3 ބިލިއަން ރުފިޔާއަށް (3 އިންސައްތަ) ދަށްވެފައެވެ. މީގެ ތެރެއިން ހިންގުމުގެ ޚަރަދަށް 1.6 ބިލިއަން ރުފިޔާ އަދި މުވައްޒަފުންގެ މުސާރައަށް 1.3 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

  • ކެޕިޓަލް ޚަރަދު: މިދިޔަ އަހަރު ހޭދަކުރި 677 މިލިއަން ރުފިޔާއާ އަޅާބަލާއިރު، މިއަހަރު ހޭދަކޮށްފައިވަނީ 542 މިލިއަން ރުފިޔާއެވެ. މިއީ 24.9 އިންސައްތައިގެ ބޮޑު ދަށްވުމެކެވެ.

ޚަރަދުތައް ކުޑަކުރެވިފައިވާ މި ދަނޑިވަޅުގައި، ދައުލަތަށް ލިބުނު އާމްދަނީ ވަނީ ކުރިއަރާފައެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން، މިއަހަރުގެ ފުރަތަމަ 10 މަސްދުވަހުގެ ތެރޭގައި 35 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 32 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 6 އިންސައްތައިގެ ކުރިއެރުމެކެވެ.

މީގެ އިތުރުން، އާމްދަނީގެ ބޮޑުބައެއް ޙިއްޞާކުރަނީ ޓެކުހުގެ ފައިސާއެވެ. އެގޮތުން ޓެކްސް އާމްދަނީގެ ގޮތުގައި 2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކްސް ނޫން ގޮތްގޮތުން އާމްދަނީގެ ގޮތުގައި ވަނީ 513 މިލިއަން ރުފިޔާ ލިބިފައެވެ.