ދައުލަތުގެ ޕޭ ފްރޭމްވޯކް އެކުލަވާލާފައިވަނީ އެއްވެސް މުވައްޒަފަކަށް ކަނޑައަޅާފައިވާ މުސާރަ ދަށްވާނެ ގޮތަކަށް ނޫން ކަމަށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް އިން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ވާހަކަދައްކަވަމުން މާލީ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު އަޙްމަދު ސާއިދު ވިދާޅުވީ، ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ހަމަޖައްސަންވާނީ ޤައުމަށް ލިބޭ އާމްދަނީއާ އަޅާބަލައި ދެމެހެއްޓެނިވި އުސޫލުތަކެއްގެ މަތިން ކަމަށެވެ. އަދި އާމްދަނީއަށް ވުރެ ޚަރަދު ބޮޑުވާނަމަ ދަރަނި ނަގަން މަޖުބޫރުވެ، ޤައުމުގެ ދަރަނީގެ ދެމެހެއްޓެނިވި ކަމަށް ނޭދެވޭ އަސަރުކުރާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މިގޮތުން 2017 ވަނަ އަހަރު ނެގި ދަރަންޏެއް ރީފައިނޭންސްކޮށް، 10 އަހަރު ވަންދެން އިންޓްރެސްޓް ދައްކަން ޖެހުނު ކަންވެސް އޭނާ ހަނދާންކޮށްދެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއިން ދައުލަތުގެ ޕޭ ފްރޭމްވޯކާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް އަދި ނޭޝަނަލް ޕޭ ކޮމިޝަންގެ ބޭފުޅުންނާ ބައްދަލުކުރުން

ސާއިދު އިތުރަށް ވިދާޅުވީ، މުސާރަ ބޮޑުކުރުމުގައި އިޤްތިޞާދީ ގޮތުން ދެކޮޅުޖެހޭ ސިޔާސަތެއް ނުގެންގުޅެފިނަމަ، ބާޒާރުގައި ތަކެތީގެ އަގު އިންތިހާއަށް އުފުލި، އޭގެ ނޭދެވޭ އަސަރު މުޅި މުޖުތަމަޢަށް ކުރާނެ ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

ޕޭ ކޮމިޝަނުން އެކުލަވާލި އޮނިގަނޑާ ގުޅޭގޮތުން ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، އެއްވެސް މީހެއްގެ މުސާރަ ދަށްނުވި ނަމަވެސް، ޤަވާއިދާ ޚިލާފަށް ނުވަތަ ނަހަމަ ގޮތުގައި ބޮޑެތި އިނާޔަތްތައް ހޯދަމުން ދިޔަ ދޮރުތައް މި އައު އޮނިގަނޑުގެ ސަބަބުން ބަންދުވެގެންދާނެ ކަމަށެވެ. އެގޮތުން މޮނިޓަރިންގ ދޯދިލުމުގެ ސަބަބުން، ދުވާލެއްގައި އޮންނަ 24 ގަޑިއިރަށްވުރެ އިތުރަށް ބިލްކޮށްގެން ދައުލަތުން ފައިސާ ނަގާފައިވާ މައްސަލަތައް ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

ސަރުކާރުގެ ކުންފުނިތަކުންވެސް އިތުރު މުވައްޒަފުން ނުނަގައި، ހުރި ވަސީލަތްތަކުން މަސައްކަތް ކުރިއަށް ގެންދެވޭނެ އިންތިޒާމުތައް ހަމަޖައްސަންޖެހޭ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. މި އަހަރުގެ ނިޔަލަށް ދައުލަތުގެ މުވައްޒަފުންގެ މުސާރައަށް 16.2 ބިލިއަނާއި 16.5 ބިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ޚަރަދުވާނެ ކަމަށް ލަފާކުރެވޭއިރު، އަންނަ އަހަރުގެ ބަޖެޓު އެކުލަވާލާފައިވަނީ މުޅިން އަލަށް މަޤާމުތައް އިތުރުނުކޮށް ޚަރަދު ކުޑަކުރެވޭނެ ގޮތަށް ކަމަށްވެސް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.