އިސްލާމްދީނަކީ އިންސާނާއަށް ރިވެތި އަޚުލާޤާއި މަތިވެރި ސުލޫކު އުނގަންނައިދެއްވުމަށް މާތް ﷲ ބާވައިލެއްވި ދީން ކަމަށާއި، ކީރިތި ރަސޫލާ މުޙައްމަދު ﷺ ރަސޫލުކަމާއިގެން ފޮނުއްވުމުގެ މައިގަނޑު މަޤުޞަދަކީ ރިވެތި އަޚުލާޤު ފުރިހަމަކުރެއްވުން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ.
"އިސްލާމް ދީނަކީ ރިވެތި އަޚުލާޤުގެ ދީން" މި މަޢުޟޫޢަށް ރާއްޖޭގެ މިސްކިތްތަކުގައި މިއަދު އިއްވި ޚުޠުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، އިސްލާމީ ޝަރީޢަތުގައި ރިވެތި އަޚުލާޤަކީ ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބިދޭ އެންމެ މަތިވެރި އެއް ސިފައެވެ. ރިވެތި ޚުލްޤުގެ ސަބަބުން މުއުމިނަކަށް ރޭއަޅުކަންކޮށް ސުންނަތް ރޯދަހިފުމުގައި ދެމިހުންނަ މީހެއްގެ ދަރަޖަ ލިބޭނެކަމަށާއި، ޤިޔާމަތް ދުވަހު ހެޔޮކަމުގެ މީޒާނުގައި ރިވެތި އަޚުލާޤަށް ވުރެ ބަރު އެއްވެސް އެއްޗެއް ނުވާކަމަށް ކީރިތި ރަސޫލާގެ ޙަދީޘްފުޅުތަކުން އެނގޭކަން ޚުޠުބާގައި ފާހަގަކުރިއެވެ.
އިސްލާމީ އަޚުލާޤުގެ މުހިންމު ސިފަތަކުގެ ތެރޭގައި ކެތްތެރިކަމާއި، ބަސްމޮށުމާއި މީހުންނާ މުޢާމަލާތުކުރުމުގައި އަދަބުވެރި ރިވެތި ގޮތް އިސްކުރުން ހިމެނޭކަން ޚުޠުބާގައި ބަޔާންކުރިއެވެ. ދުނިޔޭގެ ޙަޔާތަކީ ތަފާތު ގޮތްގޮތަށް އިންސާނާ އިމްތިޙާނުކުރެއްވޭ ތަނެއް ކަމަށާއި، ޞިއްޙަތާއި ބަލިމަޑުކަން، ތަނަވަސްކަމާއި ދަތިޙާލު، އަދި އަމާންކަމާއި ބިރުވެރިކަން ފަދަ ކޮންމެ ޙާލަތެއްގައި ވެސް މުއުމިނުން އިސްކުރަންޖެހޭނީ ކެތްތެރިކަމާއި ރިވެތި އަޚުލާޤު ކަމަށް ވިދާޅުވިއެވެ. އަދި ދަތި ޙާލަތްތަކުގައި އެހެން މީހުން ބުރަ މަސައްކަތުން ހޯދާފައިވާ މުދަލަށް އަރައިގަތުމާއި ފޭރުމަކީ މުސްލިމުންގެ ސިފައެއް ނޫން ކަމަށް ވެސް ހަނދާންކޮށްދިނެވެ.
މީގެ އިތުރުން، މުޖުތަމަޢެއް ތަހުޒީބީ ގޮތުން ކުރިއަރައިފައިވާކަމުގެ އެންމެ ފުރިހަމަ ނިޝާނަކީ ރިވެތި އަޚުލާޤުން ޒީނަތްތެރިވެފައި ވުން ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. މިއަދު މުސްލިމުން ތަޢުލީމާއި، ޞިއްޙަތާއި، ޓެކްނޮލޮޖީ އަދި އިޤުތިޞާދީ ގޮތުން ކުރިއަރައިދިޔަ ނަމަވެސް، އަޚުލާޤީ ރިވެތި ސިފަތައް ނެތް ނަމަ އެއީ ޙަޤީޤީ ކުރިއެރުމެއް ކަމުގައި ނުބެލެވޭނެ ކަމަށް ޚުޠުބާގައި ބަޔާންކުރިއެވެ.
ރިވެތި އަޚުލާޤީ ސިފަތަކުގެ ތެރޭގައި ހެޔޮ ބަސްތައް ކަނުލައި އަޑުއެހުން ހިމެނޭއިރު، ހުކުރު ޚުޠުބާ ކަނުލައި އަޑުއެހުމަކީ ހުކުރުގެ މުހިންމު އަދަބެއްކަން ޚުޠުބާގައި ފާހަގަކުރިއެވެ. ނަމަވެސް ޚަޠީބު މިންބަރަށް އަރައި ޚުޠުބާ ކިޔަމުންދާއިރު މިސްކިތުން ބޭރުގައި ވާހަކަދައްކަން ތިބުމާއި، މިސްކިތު ތެރޭގައި ފޯނާ ކުޅެން ތިބޭ މައްސަލައަކީ މިއަދު ކޮންމެހެން އިޞްލާޙުކުރަން ޖެހިފައިވާ ކަމެއް ކަމަށް ހުކުރު ޚުޠުބާގައި ވަނީ ނަޞޭޙަތްތެރިވެފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.