ޝުކުރުވެރިވާ އަޅުންނަށް ދެއްވާފައިވާ ނިޢުމަތްތައް އިތުރުކުރައްވާނެ ކަމަށާއި، ނިޢުމަތްތަކަށް ކާފަރުވެ ފުރަގަސްދޭ މީހުންނަށް ގަދަފަދަ އަޒާބު ހުރިކަން މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ.

މިއަދުގެ ހުކުރު ޚުޠުބާ ޚާއްޞަކޮށްފައިވަނީ "ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ މުހިންމުކަން" މި މައުޟޫޢުގެ މައްޗަށެވެ.

ޚުޠުބާގައި ބަޔާންކުރި ގޮތުގައި، މުޖުތަމަޢުގައި އެކުވެރިކަމާއި އެއްބައިވަންތަކަމުގެ އިތުރުން ލޯބި ޤާއިމުކުރުމަށްޓަކައި އިސްލާމްދީން ބާރުއަޅާ އެންމެ މުހިންމު އެއް ކަމަކީ ނިޢުމަތްތަކަށް ޝުކުރުވެރިވުމެވެ. އަދި އިންސާނުންގެ މައްޗަށް މާތް ﷲ ދެއްވާފައިވާ ނިޢުމަތްތަކަކީ ޢަދަދުކޮށް ކޮޅުން ނުލާހައި ގިނަގުނަ ކަންކަމެވެ.

އިޝްތިހާރު އިޝްތިހާރު

މާތް ﷲ ގެ ނިޢުމަތްތަކަށް ޝުކުރުވެރިވުމަކީ، އެކަލާނގެ ދެއްވި ދީލަތި ނިޢުމަތްތައް ހިތުގެ އަޑިން ޤަބޫލުކޮށް، އެކަލާނގެ ރުހިވޮޑިގެންވާ ގޮތުގައި އެ ތަކެތި ބޭނުންކުރުމެވެ. މިއީ މީހާގެ ދީނާއި ދުނިޔެއަށް ލާބައާއި މަންފާ ގެނެސްދޭ، އަދި މާތް ﷲ ގެ ރުހުމާއި ލޯބި ޙާޞިލުވާ މަތިވެރި އަޅުކަމެއް ކަމުގައި ޚުޠުބާގައި ފާހަގަކުރިއެވެ.

މީގެއިތުރުން، ޚާލިޤުވަންތަ ﷲ އަށް ޝުކުރުކުރުމުގެ އިތުރުން، އެހެން މީހުން ކޮށްދޭ ހެޔޮ ކަންތައްތަކުގެ އަގުވަޒަންކޮށް ޝުކުރުއަދާކުރުމަކީވެސް އިސްލާމީ އަޚްލާޤުގައި ނުހަނު ބޮޑު އިސްކަމެއް ދީފައިވާ ކަމެއް ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. ޚާއްޞަކޮށް، މައިންބަފައިން ކޮށްދޭ ކަންކަމަށް ޝުކުރުވެރިވުމަށް އަމުރުކުރައްވާފައިވާކަން ފާހަގަކުރެއްވިއެވެ.

ތިމާ ނިކަމެތި އަދި ދަތި ޙާލުގައި އުޅެނިކޮށް، މާތް ﷲ ގެ ރަޙްމަތްފުޅުން ފުދުންތެރިކަން ދެއްވިކަން ހަނދާންކޮށް، އެ ވާހަކަތައް އެހެން މީހުންނާ ހިއްސާކުރުމަކީ މުހިންމު ކަމެއް ކަމަށް ޚުޠުބާގައި ބަޔާންކުރިއެވެ. އަދި އެއީ ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ ގޮތުން ކުރެވޭ ކަމެއް ކަމުގައި ޢިލްމުވެރިން ވިދާޅުވާކަން ހަނދާންކޮށްދިނެވެ.

ނިޢުމަތްތައް ދެމިހުރުމާއި، އެ ނިޢުމަތްތައް އަތުން ބީވެގެން ދިއުން ބިނާވެގެންވަނީ އެކަމަށް ޝުކުރުވެރިވާ މިންވަރެއްގެ މައްޗަށެވެ. ޝުކުރުކުރާ މީހުންނަށް ނިޢުމަތްތައް އިތުރުކޮށްދެއްވާނެ ކަމާއި، ނިޢުމަތްތަކަށް ފުރަގަސްދީ ނާޝުކުރުވެރިވާ ފަރާތްތަކަށް ގަދަފަދަ ޢަޛާބު ދެއްވާނެކަން ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

ދިރިއުޅުމުގައި އަބަދުވެސް ޝުކުރުވެރިވާ މީހެއްގެ ގޮތުގައި ހުރުމަށްޓަކައި، ދުނިޔަވީ ކަންކަމުގައި ތިމާއަށްވުރެ ދަތި ޙާލުގައި އުޅޭ މީހުންނަށް ބަލައި، ތިމާއަށް ދެއްވި ނިޢުމަތްތަކުގެ އަގު ވަޒަންކުރަންޖެހެއެވެ. އަދި މީސްތަކުން ކޮށްދޭ ހެޔޮކަންކަމަށް ޝުކުރުއަދާކުރަންޖެހެއެވެ. ހަމައެއާއެކު، ބޮޑާކަމާއި އިސްރާފުކުރުމުން ދުރުހެލިވެ، ނިޢުމަތްތަކަށް ރައްކާތެރިވާންޖެހެއެވެ.

ނިޢުމަތްތަކަށް ޝުކުރުވެރިވުން ފުރިހަމަވަނީ، އެ ނިޢުމަތްތައް މާތް ﷲ ރުހިވޮޑިގަންނަވާ މަގުގައި ހޭދަކޮށް، އިންސާނާގެ ހިތާއި ދުލާއި ހަށިގަނޑުގެ އެންމެހައި ގުނަވަންތަކުން އެކަމުގައި ބައިވެރިވެގެން ކަމުގައި މިއަދުގެ ޚުޠުބާގައި ނިންމާލަމުން ފާހަގަކުރެއްވިއެވެ.