އަމިއްލަ ނަފުސަށް ގަސްދުގައި އަނިޔާވެރިވުމާއި، ނުރައްކާތެރި ކަންކަމުގެ ތެރެއަށް ވަނުމުގެ އިތުރުން، ޞިއްޙަތު ދަމަހައްޓަން ކޮންމެހެން ހޯދަންޖެހޭ ފަރުވާއަށް ފަރުވާކުޑަކުރުމަކީ އިސްލާމީ ޝަރީޢަތުގައި މަނާކުރައްވާފައިވާ ކަންކަން ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދެއްވައިފިއެވެ.
މިއަދުގެ ޚުޠުބާ ޚާއްޞަކުރެވިފައިވަނީ "ޞިއްޙަތަށް ފަރުވާތެރިވުން" މި މަޢުޟޫޢަށެވެ.
ޚުޠުބާގައި ބަޔާންކުރެއްވި ގޮތުގައި، ދުޅަހެޔޮކަމަކީ ﷲ ތަޢާލާ އިންސާނާއަށް ދެއްވި ވަރަށް އަގުބޮޑު އިނާޔަތެކެވެ. އިންސާނާގެ އެއްވެސް ބާރަކާ ނުލައި ހަށިގަނޑުގެ އެތެރޭގެ ނިޒާމުތައް މެދުކެނޑުމެއްނެތި މަސައްކަތްކުރަމުންދާއިރު، އެ ނިޢުމަތުގެ ބޮޑުކަން އިޙުސާސްވަނީ އޭގެ ތެރެއިން ކަމަކަށް އުނިކަމެއް ނުވަތަ ބައްޔެއް ކުރިމަތިވުމުންނެވެ. އެހެންކަމުން، އެ ނިޢުމަތަށް ޝުކުރުވެރިވުމުގެ ޙަޤީޤީ މާނައަކީ އަބަދުމެ މާތް ﷲ ގެ މަތިން ހަނދުމަކޮށް، އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންގަތުންމަތީ ދެމިތިބުމެވެ.
އިންސާނާގެ ޖިސްމަކީ މާތް ﷲ ގެ ޙަޟްރަތުން ދެއްވާފައިވާ މަތިވެރި އަމާނާތެކެވެ. އެހެންކަމުން އެމީހަކު ހިތުހުރި ގޮތަކަށް އެ އަމާނާތް ވީދައި ކުދިކޮށްލުމުގެ އެއްވެސް އިޚުތިޔާރެއް އެކަކަށްވެސް ދެއްވާފައެއް ނުވެއެވެ. ދުޅަހެޔޮކަން ދެއްވުމާ އެކުއެކީގައި، އެކަން ރައްކާތެރިކޮށް ބެލެހެއްޓުމުގެ ޒިންމާވެސް އެކަލާނގެ ވަނީ އަޅުގަނޑުމެންނާ ޙަވާލުކުރައްވާފައެވެ. އެހެންވެ، ގަސްދުގައި ހަށިގަނޑަށް ގެއްލުން ލިބޭނެ ފަދަ ކަންކަން ކުރުމާއި، ނަފުސު ހަލާކުގެ ތެރެއަށް އެއްލައިލުމާއި، ޞިއްޙަތަށް އިހުމާލުވެ ބޭނުންވާ ޒަރޫރީ ޞިއްޙީ ފަރުވާ ދޫކޮށްލުމަކީ ދީނުގައި ހުއްދަކުރައްވާފައިވާ ކަންކަމެއް ނޫނެވެ.
މިހާރު ލިބިފައިވާ ޒުވާންކަމާއި ހަށިގަނޑުގެ ވަރުގަދަކަމަކީ އަބަދަށް ދެމިއޮންނާނެ ސިފަތަކެއް ނޫނެވެ. ގައިބާރު ދެރަވެ، އެހެން މީހުންގެ އެހީތެރިކަމަށް އެދެންޖެހޭ ދުވަސްވެސް ކުރިމަތިވާނެއެވެ. ޞިއްޙަތު ރައްކާތެރިކުރުމަށް މަސައްކަތްކުރުމަކީ ވާޖިބެއް ކަމުގައި ވިޔަސް، މުސްކުޅިވުމާއި ބަލިމަޑުކަން ހުއްޓުވުމުގެ އެއްވެސް ކުޅަދާނަކަމެއް އިންސާނާއަކަށް ލިބިގެނެއް ނުވެއެވެ. އީމާންތެރިކަމަކީ ވޭނާއި ތަދު އިޙުސާސްނުވުމެއް ނޫނެވެ؛ އޭގެ ބަދަލުގައި މުއުމިނެއްގެ ހަޤީޤީ ބާރަކީ، ދިމާވާ ދަތި އުނދަގޫ ޙާލަތްތަކުގައިވެސް ﷲ ތަޢާލާއާ އޮންނަ ގުޅުން ބަދަހިކަންމަތީ ދެމެހެއްޓުމެވެ.
ޚުޠުބާގައި އިތުރަށް ސުވާލު އުފެއްދެވީ، ފުރިހަމަ ޞިއްޙަތެއްގައި ހުރެ ހެޔޮ ޢަމަލުތައް ކުރުމަށް ލިބިފައިވާ ކުރު ފުރުޞަތުގެ ބޭނުން ނުހިފައި، އިހުމާލުވަނީ ކިތައް މީހުންތޯއެވެ. ޤިޔާމަތް ދުވަހު މާތް ﷲ ގެ ޙަޟްރަތަށް ޙާޟިރުކުރެވޭ ހިނދު، އަމާނާތެއްގެ ގޮތުގައި ދެއްވި ޞިއްޙަތާއި، ދެއްވި ވަގުތާއި، ޖިސްމުގައި ލެއްވި ބާރު ހޭދަކުރި ގޮތާ މެދު ދައްކާނީ ކޮން ޙުއްޖަތެއް ހެއްޔެވެ؟ ވުމާއެކު، ﷲ ދެއްވި ޞިއްޙަތާއި ވަގުތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމުގެ ހެޔޮ ތައުފީޤު އަޅަމެންނަށް ދެއްވައި، މި މަތިވެރި ނިޢުމަތް ބީވެގެން ދިޔުމުގެ ކުރީން އެކަމަށް ޝުކުރުވެރިވުމުގެ ނަޞީބު މިންވަރުކުރެއްވުމަށް އެދި ދުޢާކުރެއްވިއެވެ.
ހަމައެއާއެކު، ޞިއްޙަތަށް ފަރުވާތެރިވުމުގެ އެންމެ މުހިންމު ބޭނުމަކީ ހަމައެކަނި ބަލިތަކުން ރައްކާތެރިވެ ހުރުން ނޫން ކަމުގައިވެސް ޚުޠުބާގައި ފާހަގަކުރެއްވިއެވެ. އެއީ މާތް ﷲ ގެ ރުއްސެވުން ހޯދުމަށާއި ހެޔޮ ޢަމަލުތައް ގިނަކުރުމަށްޓަކައި ދެއްވާފައިވާ ވަސީލަތެކެވެ. ނަމާދުގައި ކޮޅަށް ހުރުމާއި، މިސްކިތަށް ފައިމަގުގައި ދިޔުމާއި، ޢުމުރުން ދުވަސްވީ މައިންބަފައިންނަށް ޚިދުމަތްކުރުމާއި، ބަލިމީހުންގެ ޙާލުބަލަން ދިޔުމުގެ އިތުރުން ޙަލާލު ގޮތުގައި ދިރިއުޅުން ހޯދަން ކުރާ މަސައްކަތްތަކަކީ، މާދަމާ ގެއްލިގެން ހިނގައިދާނެ އަގުނުކުރެވޭ ފަދަ މަތިވެރި ފުރުޞަތުތަކެކެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.