އެވިޑް ކޮލެޖުގެ އިސްވެރިޔާ އަބްދުﷲ މުސްތާގު ރަޝާދުގެ ސިއްހީ ހާލަތު ގޯސްވެ، ދެވަނަ ފަހަރަށް ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަނެއް ކުރުމަށްޓަކައި ކިޑްނީ ހަދިޔާކުރާނެ ފަރާތެއް ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

މުސްތާގުގެ ދެ ކިޑްނީގެ މަސައްކަތް އެންމެ ފުރަތަމަ ހުއްޓުމަކަށް އައީ 2010 ވަނަ އަހަރުގެ ތެރޭގައެވެ. އޭގެ އަނެއް އަހަރު، އެއީ 2011 ގައި ސްރީ ލަންކާއިން ކިޑްނީ ޓްރާންސްޕްލާންޓެއް ހެއްދެވި ނަމަވެސް، ފަހުން އެ ކިޑްނީގެ މަސައްކަތް ބަލިކަށިވާން ފެށުމުން ތައިލެންޑުގެ ބެންކޮކް ހޮސްޕިޓަލުން ހެދި ތަހުލީލުތަކުން އެނގުނީ ކިޑްނީ އެއްކޮށް ފެއިލްވެފައިވާ ކަމެވެ. މިކަމާ ގުޅިގެން ޑޮކްޓަރުން ވަނީ ވަގުތުން އޭނާގެ ޑައިލިސިސް ފަރުވާ ފަށާފައެވެ.

"މިހާރު" ނޫހަށް މައުލޫމާތު ދެއްވަމުން މުސްތާގު ހާމަކުރެއްވި ގޮތުގައި، އާއިލާގެ މީހުން ކިޑްނީ ހަދިޔާކުރަން ތައްޔާރަށް ތިބި ނަމަވެސް، ސިއްހީ ގޮތުން ދިމާވި ހުރަސްތަކާ ހެދި އާއިލާގެ ތެރެއިން ގުޅޭ ޑޯނާއެއް ލިބޭގޮތް ވަނީ ނުވެފައެވެ. އަދި ހަށިގަނޑުގެ ވަރު މުޅިން ދެރަވުމުގެ ކުރިން އަވަހަށް ދެވަނަ ފަހަރަށް ކިޑްނީ ބަދަލުކުރުމަށް ޑޮކްޓަރުން ލަފާދެއްވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މި ބަލިހާލަތާ ގުޅިގެން އޭނާގެ ހަށިގަނޑުގެ ބަރުދަން 59 ކިލޯއިން 44.5 ކިލޯއަށް ލުއިވެގެން ގޮސްފައިވާކަން އެ ނޫހުން ފާހަގަކޮށްފައިވެއެވެ.

އިޝްތިހާރު އިޝްތިހާރު

ފަރުވާ ހޯއްދެވުމަށް ބެންކޮކުގައި ހުންނެވި ދުވަސްވަރު، ތައިލެންޑަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީގުގެ އިތުރުން ސަރުކާރުގެ އިސް ފަރާތްތަކުގެ އެއްބާރުލުމާއި އެހީތެރިކަން ލިބެމުންދާކަން މުސްތާގު ފާހަގަކުރެއްވި ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ކިޑްނީ ބައްޔަކީ ލޭގައި ހުންނަ ކުނިބުންޏާއި އިތުރުވާ ފެން ހަށިގަނޑުން ބޭރުކޮށްދިނުމަށް ކިޑްނީއަށް އޮންނަ ގާބިލުކަން ގެއްލި، ހަށިގަނޑުގެ މައިގަނޑު ނިޒާމުތަކަށް އޭގެ ނޭދެވޭ އަސަރު ފޯރާ ސިއްހީ ނުރައްކާތެރި ހާލަތެކެވެ. ކިޑްނީ ފެއިލްވުމުން ލޭ ސާފުކުރުމަށްޓަކައި ޑައިލިސިސް ހަދަންޖެހުން ނުވަތަ އޮޕަރޭޝަން ކޮށްގެން އައު ކިޑްނީއެއް ގަޔަށް ގުޅަން (ޓްރާންސްޕްލާންޓް ކުރަން) މަޖުބޫރުވެއެވެ.

1998 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ މުސްތާގަކީ، 2005 ގައި އެވިޑް ޓިއުޝަން ސެންޓަރުގެ ނަމުގައި މަސައްކަތް ފައްޓަވައި، 2013 ގައި އެ ތަން ފުޅާކުރައްވައި އެވިޑް ކޮލެޖުގެ ނަމަށް ބަދަލުކުރެއްވި ބޭފުޅާއެވެ. އަމިއްލަ ކޮލެޖެއް ހިންގެވުމުގެ އިތުރުން، އޭނާއަކީ ދިވެހިރާއްޖޭގެ ޕްރައިވެޓް ހަޔާ އެޑިއުކޭޝަން އެސޯސިއޭޝަންގެ ރައީސްކަންވެސް ކުރައްވައި، މަތީ ތައުލީމުގެ ފުރުސަތުތައް ރާއްޖޭގައި ފުޅާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ޚިދުމަތްތެރިއެކެވެ. "މުޅިރާއްޖެ" ޓީމުގެ ދުއާއަކީ މުސްތާގަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުމެވެ.