އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު އެއަރފޯސް ވަންގައި ދަތުރުކުރާ ހުރިހާ ނޫސްވެރިންގެ އަތުން މޮބައިލް ފޯނުތައް އަތުލައިފިއެވެ.
ނޫސްވެރިން އަތުން މޮބައިލް ފޯނުތައް އަތުލާފައިވަނީ އޭޕެކް ސަމިޓު ނިންމުމަށްފަހު އެމެރިކާގެ ރައީސް ޓްރަމްޕް ދަތުރުކުރާ މަތިންދާ ބޯޓު ޗައިނާއިން ފުރުމުގެ ކުރިންނެވެ. ފޯނުތައް އަތުލާފައިވަނީ އެންމެން ބޯޓަށް އަރައި ތިއްބައެވެ.
މޮބައިލް ފޯނުގެ އިތުރުން، މަތިންދާ ބޯޓަށް އެރުމުގެކުރިން ނޫސްވެރިން އަތުގައި ހުރި ޑިޖިޓަލް އާލާތްތައްވެސް އަތުލި ކަމަށް ވެއެވެ.
އޮފިޝަލުން ބުނެފައިވަނީ، ނޫސްވެރިން އަތުން މޮބައިލް ފޯނާއި ޑިޖިޓަލް އާލާތްތައް އަތުލީ "ސަލާމަތީ ސަބަބަކަށްޓަކައި" ކަމަށެވެ.
މިއީ، ވަރަށް ނާދިރު ހާލަތެއްގައި މެނުވީ އެމެރިކާ ސަރުކާރުން ކޮށްފައިވާ ކަމެއް ނޫން ކަމަށް ޚަބަރުތައް ބުނެއެވެ.
އޭޕެކް ސަމިޓުގެ އަރިމަތިން ޓްރަމްޕާއި، ރަޝިޔާގެ ރައީސް ޕޫޓިންއާއި ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ދެމެދު ބޭއްވި ޓްރައިލޭޓެރަލް ބައްދަލުވުން ނިމުމާއެކު ކީލިން ވިލާއިން ރައީސް ޓްރަމްޕް ސީދާ ވަޑައިގެންނެވީ ބައޯއަން އެއަރޕޯޓަށް ކަމަށް މީޑިއާއިން ބުނެއެވެ.
އެމެރިކާގެ ރައީސް ދަތުރުކުރާ އެއަރފޯސް ވަން މަތިންދާ ބޯޓު ޕާކްކޮށްފައި އޮތީ އެ އެއަރޕޯޓުގައެވެ.
ޓްރަމްޕަށް އަލްވަދާއު ވިދާޅުވުމަށް އެއަރޕޯޓަށް ވަޑައިގެންނެވީ ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީއެވެ.
އެމެރިކާގެ ރައީސް މަތިންދާ ބޯޓަށް އެރުމުގެކުރިން ޗައިނާގެ ޚާރިޖީ ވަޒީރާ އިރުކޮޅެއް ވަންދެން ވާހަކަ ދެއްކި މަންޒަރު ވީޑިއޯތަކުން ފެނެއެވެ. އެހެންނަމަވެސް، އެމެރިކާގެ ރައީސް، ނޫސްވެރިންނާ އެއްވެސް ވާހަކައެއް ނުދައްކައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާއިން ކުއްލިގޮތަކަށް ފުރުމާއި، މީޑިއާއަށް އެއްވެސް ސްޓޭޓްމަންޓެއްވެސް ނުދިނުމަކީ ކޮންމެވެސް ބޮޑުކަމެއް ހިނގަން އުޅޭކަމުގެ ނިޝާނެއް ކަމަށް، ބައެއް މުރާސިލުން ބުނެއެވެ.
މީގެއިތުރުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާއިން އެނބުރި ދަނީ ސީދާ އެމެރިކާއަށް ނޫންކަމުގެ އަޑުތަކާއި، މަތިންދާ ބޯޓު ދަތުރުކުރާ މަންޒިލްވެސް ސިއްރުކޮށްފައިވާ ކަމަށް، ނޫސްވެރިން ބުނަމުން އެބަދެއެވެ.

އިޝްތިހާރު އިޝްތިހާރު