ރާއްޖޭގެ ހުރިހާ ރަށެއްގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ޤާއިމްކުރުމަށް ސަރުކާރުން ފަށާފައިވާ ޚާއްސަ މަޝްރޫޢުގެ ދަށުން ރ.ރަސްމާދޫގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ހުޅުވައިފިއެވެ.
މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ އުލިގަމު ގޮފި ހުޅުއްވައިދެއްވީ، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ނައިބު އަލްއުސްތާޛު ޢަބްދުލްޣަފޫރު އަޙުމަދެވެ.
ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢުގެ ދަށުން އެކި ރަށްރަށުގައި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ޤާއިމްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އަދުގެ ސަރުކާރުން ކީރިތި ޤުރުއާނުގެ ޢިލްމު ކުރިއެރުވުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދެއްވައެވެ. އެގޮތުން ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ، ސީދާ ދަޢުލަތުގެ ބަޖެޓުން ޚަރަދުކުރާ މުބާރާތެއްގެ ގޮތުގައި ހަމަޖެއްސެވުމާއި، އެ މުބާރާތަކީ އެންމެ އަގުހުރި އިނާމުތައް ދޭ މުބާރާތަށް ހެދުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.
ޙާފިޡުންގެ އެލަވަންސް ދެގުނައަށް ބޮޑު ކުރުމާއި، ޙާފިޡުންގެ ދަސްވެނިވުމަށް ޚާއްސަ ރަސްމިއްޔާތެއް ބާއްވަން ފެށުމަކީވެސް ޤުރުއާނުގެ ޢިލްމު ކުރިއެރުވުމަށް އިތުރު ބާރެއް ލިބޭކަމެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ. މީގެ އިތުރުން ކީރިތި ޤުރުއާނަށް ޚާއްސަ ވަޤްފު މަޝްރޫޢެއް ފެށުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.