ކުވައިތުގައި ހިންގަމުންދާ އެމެރިކާގެ އަލީ އަލް ސާލިމް ވައިގެ އަސްކަރީ މަރުކަޒުގައި ހުރި ޕެޓްރިއަޓް ދިފާއީ ނިޒާމުތަކަށާއި، މިސައިލާއި ޑްރޯން ފޮނުވާ ވަސީލަތްތަކަށް އަމާޒުކޮށް ހަމަލާތަކެއް ދީފައިވާނެ ކަމަށް އީރާނުގެ އަސްކަރިއްޔާއިން ހާމަކޮށްފިއެވެ.

އީރާނުގެ އަސްކަރިއްޔާއިން ނެރުނު ރަސްމީ ބަޔާނުގައި ވާގޮތުން، ރޭ ދަންވަރުގެ ފަހުބައިގައި މި ހަމަލާތައް ކުރިއަށްގެންގޮސްފައިވަނީ ހަނގުރާމަވެރި ޑްރޯންތަކެއް ބޭނުންކޮށްގެންނެވެ. މީގެއިތުރުން، އަލީ އަލް ސާލިމް މަރުކަޒަކީ މެދުއިރުމަތީގެ ސަރަހައްދުގައި އެމެރިކާގެ ސިފައިން ދަތުރުފަތުރުކުރުމުގައި ބޭނުންކުރާ މައި މަރުކަޒު ކަމަށާއި، ހުޅަނގު އޭޝިއާގައި އެމެރިކާގެ އަސްކަރީ ރޭވުންތަކާއި ލޮޖިސްޓިކްސްގެ މައިގަނޑު ބިނާ ކަމަށްވެސް އެ ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.

އެއްވެސް އަސްކަރީ ފަރާތެއްގެ ބާރުގެ ދަށުގައި އީރާނު ބޯނުލަނބާނެ ކަމުގެ ޔަގީންކަން ދެމުން، އެ ގައުމުގެ މިނިވަންކަމާއި ރައްކާތެރިކަމަށް އަމާޒުވާ ކޮންމެ ހަމަލާއަކަށާއި އުދުވާނަކަށް ވަރުގަދަ އަދި އަވަސް ރައްދެއް ދޭނެ ކަމަށް އީރާނުގެ އަސްކަރިއްޔާއިން ބުނެފައިވެއެވެ. އަދި އެފަދަ ރައްދެއް ދިނުމުގައި ވަކި ސަރަހައްދީ އިންތަކަކަށް ނުބަލާނެ ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އިޝްތިހާރު އިޝްތިހާރު