މި ސަރުކާރުގެ ވެރިކަމުގައި ހިނގަމުންދާ ރިކަރަންޓު ހަރަދުތައް ފޫބެއްދުމަށް ދައުލަތަށް ލިބޭ އާމްދަނީ ބޭނުންކުރެވޭތީ އެކަމާ މެދު އުފާކުރައްވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމު ފާހަގަކުރައްވައިފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި މަޖިލީހުގައި ވާހަކަދައްކަވަމުން ސަލީމު ފާހަގަކުރެއްވީ، ވޭތުވެދިޔަ އަހަރުތަކުގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު ދައުލަތުގެ އާމްދަނީން ރިކަރަންޓު ހަރަދުތައް ހަމަނުޖެހި، އެކަންކަން ހަމަޖެއްސުމަށްޓަކައި ލޯނު ނަގަން ޖެހިފައިވާ މަންޒަރު ފެނިގެންދިޔަ ކަމަށެވެ.

މެންބަރު ބަޔާންކުރެއްވި ގޮތުގައި ދައުލަތް ހިންގުމުގެ ދުވަހީ ހަރަދުތައް ކުރުމަށްޓަކައި ދަރަންޏަށް ފައިސާ ހޯދުމަކީ ވަރަށް ނުރައްކާތެރި މިސްރާބެކެވެ. އޭނާ އިތުރަށް ވިދާޅުވީ، ދަރަނި ނަގައިގެން އިންވެސްޓްކުރަން ވާނީ ސީދާ ލޮލަށް ފެންނަ އަދި ނަތީޖާ އިހުސާސްކުރެވޭ ފަދަ އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގުމަށް އެކަނި ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

ދަރަނި ނެގުމާ ގުޅޭގޮތުން ސަލީމު ސާފުކޮށްދެއްވި ގޮތުގައި، ދަރަނީގެ ފައިސާ ހާއްސަކުރަންވާނީ އެންމެންނަށް ފެންނަން ހުންނަ ބޮޑެތި ތަރައްގީގެ މަޝްރޫއުތަކަށެވެ. އެފަދަ އުފެއްދުންތެރި މަސައްކަތްތަކަށް ނޫން ގޮތަކަށް ލޯނު ނަގައިފިނަމަ، އޭގެ ސަބަބުން ގައުމަށް ލިބޭނެ ގެއްލުން ވަރަށް ބޮޑުވާނެ ކަމަށް ވިދާޅުވިއެވެ.

ދައުލަތުން ކުރާ ހަރަދުތަކުގެ ތަފުސީލަށް ބައްލަވާލައްވަމުން ސަލީމު ވިދާޅުވީ، ދައުލަތަށް ވަންނަ އާމްދަނީގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ހޭދަވަނީ އެކި ކަހަލަ އެހީތަކާއި ސަބްސިޑީތަކަށް ކަމަށެވެ. ސަބްސިޑީއާއި ހިލޭ އެހީ ދިނުމުގެ އަސްލު ބޭނުމަކީ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުން ކަމަށްވާއިރު، އެކަމަށް ދައުލަތުން ކުރާ ހަރަދުތަކުގެ މައުލޫމާތު ރައްޔިތުންނަށް އެނގެންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ތަކެއްޗާއި ހިދުމަތްތަކުގެ އަގު އުފުލެމުންދާ ކަމުގެ ކަންބޮޑުވުން އަބަދުވެސް ރައްޔިތުންގެ ފަރާތުން ފާޅުކުރަމުންދާކަން ފާހަގަކުރައްވައި، ސަރުކާރުން ފޯރުކޮށްދޭ އެހީތަކާއި ސަބްސިޑީތައް ހައްގުވެރިންނަށް އެންމެ ފުރިހަމައަށް ލިބޭތޯ ބަލައި، އޭގެ ހަގީގީ މަގުސަދު ހާސިލުވާކަން ކަށަވަރުކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމުގައި ސަލީމު ވިދާޅުވިއެވެ.

މީގެއިތުރުން، އަންނަ އަހަރުގެ ބަޖެޓުގައި ސިއްހީ ދާއިރާއަށް ދިހަ ބިލިއަން ރުފިޔާ ހަމަޖައްސާފައިވާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، އެއީ ދައުލަތުގެ ޖުމްލަ އާމްދަނީގެ ހަތަރުބައިކުޅަ އެއްބައި ކަމަށެވެ. އަދި އެ ފައިސާ ހަމަޖެހިގެން ދިއުމާއެކު، އަންނަ އަހަރުގެ ތެރޭގައި ސިއްހީ ނިޒާމުގައި ހުރި ގިނަ ގޮންޖެހުންތަކަށް އެދެވޭ ހައްލެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކޮރަޕްޝަން ނައްތާލެއްވުމަށް މުހިންމު ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާކަން ފާހަގަކުރައްވައި، ބަޖެޓުން ކަނޑައެޅިފައިވާ ފައިސާ ހަރަދުކުރެވެނީ އޭގެ އެންމެ ރަނގަޅު ގޮތުގައިތޯ އޮޑިޓާ ޖެނެރަލްގެ އޮފީހުންނާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ފާރަވެރިވެ ބަލަންޖެހޭނެ ކަމަށްވެސް ސަލީމު ވިދާޅުވިއެވެ.