ޕާކިސްތާނަކީ ރަނގަޅު ރަހްމަތްތެރިއެއް ކަމަށާއި، ޕާކިސްތާނަށް އިތުބާރުކުރާ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ ވިދާޅުވެއްޖެއެވެ.
އެމެރިކާއާއި އީރާނު ސުލްހަކުރަން ޕާކިސްތާނުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުން އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވީ، އެމެރިކާއާއި އީރާނާ ދެމެދު ސުލްހައިގެ އެއްބަސްވުމަކަށް އައުމުގައި ދަތިތައް ހުރި ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އެހެން ނަމަވެސް، އެކަމުގައި މެދުވެރިއެއްގެ ދައުރު އަދާކޮށް ޕާކިސްތާނުން މިހާތަނަށް އަދާކުރި ދައުރާމެދު އީރާނު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.
އެތަކެއް އަހަރުފަހުން އީރާނާއި އެމެރިކާއާ ދެމެދު މަޝްވަރާތައް ބޭއްވުނީ ޕާކިސްތާނުން ކުރި ބުރަ މަސައްކަތުންނެވެ.
އެގޮތުން، އެމެރިކާގެ ވަފުދަކާއި އީރާނުގެ ވަފުދެއް ޕާކިސްތާނަށްގޮސް ނުސީދާ މަޝްވަރާތައް ބާއްވާފައި ވެއެވެ.
މަޝްވަރާތަކުގައި ބައިވެރިވި އެމެރިކާ ވަފުދުގެ ވެރިޔަކީ އެމެރިކާގެ ނައިބް ރައީސް ޖޭޑީ ވާންސްއެވެ. އީރާނު ވަފުދުގެ ވެރިޔަކީ ޕާލަމެންޓުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފެވެ.
މަޝްވަރާތަކަށްފަހު އެމްއޯޔޫއެއް އެކުލަވާލެވި ދެފަރާތުން ޖޫންމަހުގެ ތެރޭގައި ސޮއިވެސް ކުރިއެވެ.
ޕެރިހުގައި ހުރެ އެމެރިކާގެ ފަރާތުން އެމްއޯޔޫގައި ޑިޖިޓަލްކޮށް ސޮއިކުރީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމެޕެވެ. އިރާނުގެ ފަރާތުން ތެހެރާނުގައި ހުންނަވައި ސޮއިކުރެއްވީ އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާންއެވެ.
އެމްއޯޔޫގައި ސޮއިކޮށް އޭގައި ހިމެނޭ ކަންކަން ކުރުމަށްޓަކައި ދެފަރާތުގެ ދެމެދުގައި ނުސީދާ މަޝްވަރާތައް ކުރިއަށްދަނިކޮށް އެމެރިކާގެ ރައީސް ވަނީ އެމެރިކާއިން އެމްއޯޔޫ އުވާލިކަން އިއުލާންކޮށް އީރާނަށް ހަމަލާދޭން ފަށާފައެވެ.
ޕާކިސްތާން އެމްއޯޔޫއަކީ އެމެރިކާއާއި އީރާނުގެ މައްސަލަ ހައްލުކުރުމަށް ހެދުނު އެންމެ ފުރަހަމަ އަދި އެންމެ ފުޅާ އެއްބަސްވުން ކަމަށް، ތަޖުރިބާކާރުން ވިދާޅުވެއެވެ.
ޕާކިސްތާނުން އަދިވެސް ޑިމާންޑް ކުރަނީ އެމްއޯޔޫއަށް އެނބުރި ދިއުމަށެވެ. އެމެރިކާގެ ރައީސް ގެންދަނީ އެކަމާ ދެކޮޅު ހަދަމުންނެވެ.
ޕާކިސްތާނުން މިހާރުވެސް މަސައްކަތް ކުރަމުންގެންދަނީ ދެފަރާތް ސުލްހަކޮށް، އެމްއޯޔޫއަށް އެނބުރި ދެވޭނޭ މަގެއް ފެހިވޭތޯއެވެ. އެކަމަށްޓަކައި އެމެރިކާއާއި އީރާނުގެ ވެރިންނާ ޕާކިސްތާނުން ގެންދަނީ ވާހަކަ ދައްކަމުންނެވެ.

އިޝްތިހާރު އިޝްތިހާރު