ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން މިހާރު ހުށަހަޅާފައި އޮތް އިމިގްރޭޝަންގެ އާ ބިލުގައި "ރެސިޑެންޓް ވިސާ" ގެ ނަމުގައި އެއްވެސް ބާވަތެއްގެ ވިސާއެއް ހިމަނާފައި ނުވާނެ ކަމުގެ ޔަގީންކަން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާން ދެއްވައިފިއެވެ.

ވަޒީރު މިކަން ހާމަކުރެއްވީ، އިމިގްރޭޝަންގެ ގާނޫނަށް ބަދަލުތަކެއް ގެންނަ ކަމަށް ބުނެ މީސްމީޑިއާގައި ފެތުރެމުންދާ ވާހަކަތަކެއް ދޮގުކުރައްވައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި ވަޒީރު އިޙުސާން ވިދާޅުވީ، ގާނޫނަށް ގެންނަ އިސްލާހެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ މައުލޫމާތުތަކަކީ އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ވާހަކަތަކެއް ނޫން ކަމަށެވެ. އަދި އެފަދަ އިބާރާތްތަކަކީ ގާނޫނަށް އިސްލާހުގެ ގޮތުގައި ހިމެނުމަށް މޯލްޑިވްސް އިމިގްރޭޝަނުން ދުވަހަކުވެސް ނިންމާފައިވާ ނުވަތަ ވިސްނާފައިވާ ކަންކަން ނޫން ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިޝްތިހާރު އިޝްތިހާރު
ސޯޝަލް މީޑިއާގައި އިމިގްރޭޝަންގެ ޤާނޫނަށް ގެންނަ އިސްލާހެއްކަމުގައި ބަޔާންކޮށް ދައުރު ކުރަމުންދަނީ އަސްލެއްނެތް އަދި މޯލްޑިވްސް އިމިގްރޭޝަނުން އެއްވެސް އިރަކު ޤާނޫނަށް އިސްލާހުގެނައުމަށް ހުށެހެޅުމުގެ އެއްވެސް ވިސްނުމެއްވެސް ހުރި އިބާރާތްތަކެއްނޫނެވެ. މިއަދުގެ ސަރުކާރުން މިހާރު …

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވަނީ 50 ސަފުހާގެ މައްޗަށް އެކުލެވޭ މުޅިން އާ ގާނޫނެއްކަން ބަޔާންކުރައްވަމުން، މި ގާނޫނުގެ ތެރޭގައި "ރެސިޑެންޓް ވިސާ" އެއް ނުހިމެނޭނެ ކަމަށް ވަޒީރު ތަކުރާރުކުރެއްވިއެވެ. ހަމައެއާއެކު، އިމިގްރޭޝަނަކީ ދިވެހި ހުރިހާ ރައްޔިތުންގެ މަސްލަހަތާ ގުޅިފައިވާ ނާޒުކު މަސައްކަތްތަކެއް ކުރާ އިދާރާއަކަށް ވުމުން، އެ އިދާރާއާ މެދު ދޮގު މައުލޫމާތާއި ހަގީގަތާ ޚިލާފު ބުހުތާނު ވާހަކަތައް ނުފެތުރުމަށް ވަޒީރު ވަނީ އެދިވަޑައިގެންފައެވެ.

އިމިގްރޭޝަންގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ މަގުސޫދުގައި "ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ބިލު" މަޖިލީހަށް ހުށަހެޅީ މި ހިނގާ މަހުގެ 9 ވަނަ ދުވަހުއެވެ. މި ބިލު ސަރުކާރުން ހުށަހެޅި މައިގަނޑު ބޭނުމަކީ ރާއްޖޭގެ އިމިގްރޭޝަންގެ އެންމެހައި ކަންކަން ބަލަހައްޓައި ހިންގުމަށް "މޯލްޑިވްސް އިމިގްރޭޝަން" ގެ ނަމުގައި ވަކި ސިވިލް ސަރވިސް ނުވަތަ މަދަނީ ޚިދުމަތެއް އުފެއްދުމާއި، އެ ޚިދުމަތް ހިންގުމުގެ އުސޫލުތައް އެކަށައެޅުމެވެ. އަދި މީގެ އިތުރުން ރާއްޖެއަށް މީހުން އެތެރެވުމާއި ފުރުމުގެ އާންމު އަދި ޚާއްސަ ހަމަތައް ކަނޑައެޅުމާއި، ދިވެހި ރައްޔިތުން ރާއްޖެއިން ބޭރަށް ދަތުރުކުރުމަށާއި އަނބުރާ އައުމަށް ބޭނުންވާ ޕާސްޕޯޓް ދޫކުރުމުގެ އުސޫލުތައް ބަޔާންކުރުމެވެ.

މި ބިލުގެ ދަށުން ދިވެހިންނަށް ދޫކުރާ ޕާސްޕޯޓާއި ދަތުރުފަތުރުގެ އެހެނިހެން ލިޔެކިޔުންތައް ދޫކުރުމުގެ މިންގަނޑުތައް އެކަށައެޅޭނެއެވެ. އަދި ބޭރު ގައުމުތަކުގެ މީހުން ރާއްޖެ އެތެރެވުމާއި މި ގައުމުގައި ތިބުމުގެ ހުއްދަ ދިނުމުގެ ގަވާއިދުތަކާއި، ގަވާއިދާ ޚިލާފަށް އެތެރެވާ ބިދޭސީން އަނބުރާ ފޮނުވާލުމުގެ އިތުރުން، ސައްހަ ހުއްދައެއް ނެތި އުޅޭ ނުވަތަ ގާނޫނާ ޚިލާފު އަމަލުތައް ހިންގާ ބިދޭސީން ރާއްޖެއިން ޑީޕޯޓްކުރުމާ ބެހޭ އެންމެހައި އުސޫލުތައްވެސް މި ބިލުގައި ވަނީ ހިމަނާފައެވެ.