މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 199.04 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ގްރީން ފަންޑު ރިޕޯޓުގައިވާ ގޮތުން، ޖުލައި މަހު ލިބުނު 143.12 މިލިއަން ރުފިޔާއާ އަޅާބަލާއިރު އޮގަސްޓް މަހު ލިބުނު އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ.
ފަތުރުވެރިކަމުގެ އެކި ދާއިރާތަކުން އޮގަސްޓް މަހު ގްރީން ޓެކްސް ބަލައިގަނެފައިވާ މިންވަރު:
-
ރިސޯޓުތަކުން: 182.6 މިލިއަން ރުފިޔާ
-
ގެސްޓްހައުސްތަކުން: 8.2 މިލިއަން ރުފިޔާ
-
ހޮޓާތަކުން: 6.3 މިލިއަން ރުފިޔާ
ސަފާރީ (ލިވަބޯޑް) ތަކުން: 1.7 މިލިއަން ރުފިޔާ
-
ހޯމްސްޓޭ ފެސިލިޓީތަކުން: 66,300 ރުފިޔާ
އަތޮޅުތަކުގެ ތެރެއިން އެންމެ ގިނައިން ގްރީން ޓެކްސް ދައްކާފައިވަނީ ކ. އަތޮޅުންނެވެ. އެއީ 75.47 މިލިއަން ރުފިޔާއެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ރ. އަތޮޅުން 25.17 މިލިއަން ރުފިޔާ ލިބިފައިވާއިރު، އދ. އަތޮޅުން 15.51 މިލިއަން، ޅ. އަތޮޅުން 14.17 މިލިއަން އަދި ނ. އަތޮޅުން 14.04 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
ރާއްޖޭގެ ތިމާވެށީގެ އެކި މަޝްރޫޢުތައް ހިންގުމަށް ޚާއްޞަކޮށްފައިވާ ގްރީން ފަންޑުން އޮގަސްޓް މަހު ޖުމްލަ 20.6 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އޭގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ކ. ހިންމަފުށީގެ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢަށެވެ. އެ މަޝްރޫޢަށް 6.38 މިލިއަން ރުފިޔާ ޚަރަދުކުރިއިރު، ގްރޭޓާ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް މަޝްރޫޢަށް 5.62 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ގްރީން ފަންޑަށް ޖުމްލަ 1.56 ބިލިއަން ރުފިޔާ ޖަމާވެފައިވާއިރު، ތިމާވެށީގެ މަޝްރޫޢުތަކަށް 192.98 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މިއާއެކު، އޮގަސްޓް މަސް ނިމުނުއިރު ގްރީން ފަންޑުގައި ޖުމްލަ 4.95 ބިލިއަން ރުފިޔާ ހުރި ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ ދަށުން ނަގަމުން އަންނަ ގްރީން ޓެކުހަކީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ބަލައިގަންނަ ޓެކުހެކެވެ. މި ޓެކްސް ނަގަނީ ރިސޯޓުތަކާއި، ޕްރައިވެޓް އައިލެންޑްތަކާއި، ސަފާރީތަކުގެ އިތުރުން 50 ކޮޓަރިއަށް ވުރެ ގިނަ ހޮޓާ އަދި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިއެއްގެ ބޮލަކަށް ދުވާލަކަށް 12 އެމެރިކާ ޑޮލަރުގެ މަގުންނެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު ކޮޓަރީގެ ގެސްޓްހައުސްތަކާއި ހޮޓާތަކުން ނަގަނީ ބޮލަކަށް 6 ޑޮލަރެވެ. މި ޓެކުހުން ދިވެހި ރައްޔިތުންނާއި، ރެޒިޑެންޓް ޕާމިޓް އޮންނަ ބިދޭސީންގެ އިތުރުން އުމުރުން ދެ އަހަރު ނުފުރޭ ކުޑަކުދިން ވަނީ އިސްތިސްނާކޮށްފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.