މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ "ލީޑަރޝިޕް ކޮންފަރެންސް 2026" ކާމިޔާބުކަމާއެކު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބިޒްނަސް ސްކޫލުގެ އޮޑިޓޯރިއަމްގައި ބާއްވައިފިއެވެ.

"ލީޑިންގ ފޯވާޑް: ޕީޕަލް، ޕާފޯމަންސް އެންޑް ޓްރާންސްފޮމޭޝަން" މި ޝިއާރުގެ ދަށުން އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ކޮންފަރެންސްގައި އެމްޓީސީސީގެ އެކި ދާއިރާތަކާއި ޑިޕާޓްމަންޓުތަކުން 140 އަށްވުރެ ގިނަ ލީޑަރުން ވަނީ ބައިވެރިވެފައެވެ. މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ލީޑަރުންގެ މެދުގައި މައުލޫމާތު މުއްސަނދިކޮށް، އައު ވިސްނުންތަކާއި ބިނާކުރަނިވި މަޝްވަރާތަކެއް ކުރިއަށް ގެންދިއުމެވެ.

މި ކޮންފަރެންސްގެ ތެރެއިން ފާހަގަކޮށްލެވުނު އެންމެ ޚާއްސަ އެއް ހަރަކާތަކީ، އެމްޓީސީސީގެ "ލީޑަރޝިޕް ސެޓްފިކެޓް ޕްރޮގްރާމް" ރަސްމީކޮށް އިފްތިތާޙުކުރުމެވެ. މި ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑ އަޙްމަދު ސަޢުދީއެވެ. މިއީ ކުންފުނީގެ ލީޑަރުންގެ ޤާބިލުކަން އިތުރުކޮށް، މެދުކެނޑުމެއްނެތި ފަންނީ ގޮތުން ކުރިއެރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އެކުލަވާލެވިފައިވާ މުހިންމު ޕްރޮގްރާމެކެވެ.

އިޝްތިހާރު އިޝްތިހާރު

ޕްރޮގްރާމް އިފްތިތާހުކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އެމްޑީ އަޙްމަދު ސަޢުދީ ވަނީ، އަބަދުވެސް ޕޮޒިޓިވް ވިސްނުމެއްގައި މަސައްކަތްކުރުމަށް ހުރިހާ މުވައްޒަފުންނަށް އިލްތިމާސްކުރައްވާފައެވެ. އަދި މި ކޮންފަރެންސްގެ ބޭނުން ހެޔޮގޮތުގައި ހިފައި، އެމްޓީސީސީއާ ހަވާލުވެފައިވާ ޤައުމީ ބިޔަ ޒިންމާ ފުރިހަމައަށް އަދާކުރުމުގައި އެންމެހައި މުވައްޒަފުން އެއްބާރުލުން ދިނުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. މީގެއިތުރުން، ކުންފުންޏަށްޓަކައި އިސްނަގައިގެން އިޚްލާސްތެރިކަމާއެކު މަސައްކަތްކުރާނެ ހީވާގި، މުރާލި މުވައްޒަފުންތަކެއް މިއަދު ކުންފުންޏަށް ނުހަނު ބޭނުންވެފައިވާކަން ވެސް އެމްޑީގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ކޮންފަރެންސްގައި ކީނޯޓް ސްޕީކަރުންގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ މި ދާއިރާގެ ފުންނާބު އުސް ތަޖުރިބާކާރުން ކަމަށްވާ އަލްފާޟިލް ޢަފީފް ޙުސައިން، މިސްޓަރ ކޯއެން ޓޭން، މިސް ސިންތިއާ ޒާއީ އަދި މިސް ލަރީސާ މަރމަން އެވެ. މި ބޭފުޅުން ވަނީ ލީޑަރޝިޕާއި، ޒަމާނީ ހިންގުންތެރިކަމުގެ ހުނަރުތަކާއި، އަންނަ ބަދަލުތަކަށް ހޭނުމާ ގުޅޭގޮތުން އަގުހުރި އިލްމީ މައުލޫމާތުތަކާއި ތަޖުރިބާތައް ހިއްސާކުރައްވާފައެވެ. މި ބޭފުޅުންގެ އަގުހުރި ޚިދުމަތާއި ހިއްސާއަށްޓަކައި އެމްޑީ ސަޢުދީ ވަނީ އެ ބޭފުޅުންނަށް އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.

ޤައުމީ ތަރައްގީގެ މައި އެއް ބައިވެރިޔާގެ ގޮތުގައި ދެމިއޮތް އެމްޓީސީސީގެ އަމާޒަކީ ހަމައެކަނި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުން އެކަންޏެއް ނޫނެވެ. އޭގެ ބަދަލުގައި، ކުރިމަގުގެ ގޮންޖެހުންތަކާއި ޒަމާނީ ބަދަލުތަކަށް ތައްޔާރުވެފައިވާ ގާބިލު ލީޑަރުން ބިނާކޮށް، އިންސާނީ ވަސީލަތް ތަރައްގީކުރުމަކީ ކުންފުނިން އެންމެ ބޮޑު އިސްކަމެއްދޭ އެއް އަސާސެވެ. އެމްޓީސީސީން ހާމަކުރި ގޮތުގައި، މިފަދަ މުހިންމު ސެމިނާތަކާއި ކޮންފަރެންސްތަކުގެ ޒަރީއާއިން މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު އެންމެ މަތީ ދަރަޖައިގައި ދެމެހެއްޓުމަށް އެ ކުންފުނިން އަބަދުވެސް ދެމިއޮންނާނެއެވެ.