ލޯނެއް ނުދެއްކުމުގެ ސަބަބުން ހެވީލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ރަހުނުތައް ވިއްކާލަން ސިވިލް ކޯޓުން ދިން ހުއްދައާ އެކު، އެ ކުންފުނިން ލ. އަތޮޅުގައި ހިންގަމުން އަންނަ ރަހާ ރިސޯޓް (ލ. ފަރެސް އަދި ކުޑަފަރެސް) ވިއްކާލަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިއުލާނުކޮށްފި އެވެ.

ބީއެމްއެލްއިން އާންމުކުރި އިއުލާނުގައި ބުނެފައިވާ ގޮތުގައި، މި ރިސޯޓް ވިއްކާލަން ހަމަޖެހިފައިވަނީ ފާޅުކަން ބޮޑު ނީލަމެއްގަ އެވެ. ލ. ފަރެސް އަދި ކުޑަފަރެހުގައި ހިންގަމުން އަންނަ 100 ކޮޓަރީގެ މި ޓޫރިސްޓް ރިސޯޓުގެ ހެޑް ލީސް މުއްދަތު ހަމަވާނީ 18 ޑިސެމްބަރު 2064 ގައެވެ. މި ރިސޯޓް ވިއްކުމަށް ހުށަހެޅޭނެ އެންމެ ދަށް އަގަކީ (މިނިމަމް ސޭލް ޕްރައިސް) 45,633,000 އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 703.6 މިލިއަން ދިވެހި ރުފިޔާ) އެވެ.

މި މައްސަލައަކީ 18 ޑިސެމްބަރު 2016 ގައި ހެވީލޯޑް މޯލްޑިވްސްއަށް ބީއެމްއެލްއިން ދޫކުރި 11 މިލިއަން ޑޮލަރު (170 މިލިއަން ރުފިޔާ) ގެ ލޯނެއް އަނބުރާ ނުދެއްކުމުން ފެންމަތިވި މައްސަލައެކެވެ. މި ލޯނަށް ފައިސާ ނުދެއްކުމާ ގުޅިގެން، ރަހުނު ވިއްކައިގެން ފައިސާ ހޯދުމުގެ ހުއްދަ ބޭންކަށް ދީ ސިވިލް ކޯޓުން އަމުރު ނެރުނީ 2 ނޮވެމްބަރު 2026 ގައެވެ. އެ މުދާ ވިއްކާލުމަށް ހަމަޖެހިފައިވަނީ މިހާރު އޮތް ހާލަތުގައި ("އޭޒް-އިޒް-ވެއަރ-އިޒް" އުސޫލުން) ކަމަށް ބޭންކުން ބުނެ އެވެ.

އިޝްތިހާރު އިޝްތިހާރު

ލޯނުގެ ރަހުނު ގޮތުގައިވާ ތިން ރަށުގެ ވެރިފަރާތަކީ ހެވީލޯޑް ކުންފުންޏާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު އަދި އޭނާގެ ތިން ދަރިންނެވެ. ހެވީލޯޑް ކުންފުނީގައި ވެސް މޫސަ އާއި އޭނާގެ ކުދިންގެ ހިއްސާ އޮވެ އެވެ.

މި ލޯނު ނުދެއްކުމުގެ ސަބަބުން އެ ކުންފުނީގެ ތިން ރަށެއް ވިއްކާލަން ސިވިލް ކޯޓުން މީގެ ކުރިން ވެސް ހުއްދަ ދިނެވެ. ނަމަވެސް އެ ފަހަރުގެ ހުކުމް ހައި ކޯޓުން ވަނީ ބާތިލުކޮށްފަ އެވެ.