ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ 44 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ހާއްސަ ހަރަކާތް 'ކާނިވާ 44' މާދަމާ ހުޅުމާލޭގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.

މި ކާނިވާ ކުރިއަށްދާނީ މާދަމާ، 11 ނޮވެންބަރުން ފެށިގެން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ހަރަކާތް ކޮންމެ ދުވަހަކުވެސް ކުރިއަށްދާނީ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 12:00 އަށެވެ.

މި އަހަރުގެ ކާނިވަލުގައި އާއިލީ ގުޅުން ބަދަހިކުރުމަށާއި މުނިފޫހިފިލުވުމަށް ހުރިހާ އުމުރުފުރައަކާ ވެސް ގުޅޭ ތަފާތު ގިނަ ކުޅިވަރުތައް ވަނީ ރާވާފައިވާކަމަށް ބީއެމްއެލުން ބުންޏެވެ. އަދި އެކި ބާވަތްތަކުގެ މުދަލާއި ކާބޯތަކެތި ވިއްކުމަށް ގިނަ އަދަދެއްގެ ވިޔަފާރި ސްޓޯލްތައް ވެސް މި ކާނިވަލުގައި ހުންނާނެކަމަށްވެސް އެ ބޭންކުން ބުންޏެވެ.

އިޝްތިހާރު އިޝްތިހާރު

'ކާނިވާ 44' ގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ބީއެމްއެލްގެ ސްވައިޕް ވޮލެޓް ބޭނުންކޮށްގެން ފައިސާ ދައްކާ ފަރާތްތަކަށް ހުޅުވާލާފައިވާ ހާއްސަ ޕްރޮމޯޝަނެވެ. ކާނިވާގައި ބައިވެރިވާ ސްޓޯލްތަކުން ސްވައިޕް މެދުވެރިކޮށް ކުރާ ކޮންމެ މުއާމަލާތަކަށް ގުރުއަތުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ބޭންކުން ބުންޏެވެ.

މި ޕްރޮމޯޝަންގެ ނަސީބުވެރިންނަށް އަގުހުރި ބޮޑެތި އިނާމުތަކެއް ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި 5 މެކްބުކް ނިއޯ އާއި 2 ބެޓެރި ސައިކަލު ހިމެނެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ ނޮވެންބަރު 11 ވަނަ ދުވަހުގެ ހަވީރު 4:00 އިން ފެށިގެން ނޮވެންބަރު 14 ވަނަ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށެވެ.

ބީއެމްއެލްގެ 44 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ބާއްވާ މި ކާނިވަލަކީ އާންމުންނަށް އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ އިތުރުން، ވިޔަފާރިތަކަށް ވެސް އެ ފަރާތްތަކުގެ އުފެއްދުންތައް ދައްކާލުމަށް ލިބިގެންދާނެ ރަނގަޅު ފުރުސަތެއްކަމަށް ބީއެމްއެލުން ބުންޏެވެ.