ރަޝިއާއަށް ފައިސާ ފޮނުވުމަށާއި އެ ގައުމުން ފައިސާ ބަލައިގަތުމަށް ބޭންކް އޮފް މޯލްޑިވްސް އިން އެއްވެސް ބަދަލެއް ގެނެސްފައި ނުވާއިރު، އެފަދަ މުއާމަލާތްތައް ހުއްޓާލައިފި ކަމަށް ބުނެ ފަތުރަމުންދަނީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށް އެ ބެންކުން ބުނެފި އެވެ.
ފެތުރެމުންދާ ވާހަކަތަކާއި ގުޅިގެން ބީއެމްްއެލްގެ ތަރުޖަމާން މިރޭ ވިދާޅުވީ ރަޝިއާއަށް ފައިސާ ފޮނުވުމަށާއި އެ ގައުމުން ފައިސާ ބަލައިގަތުމަށް ބޭންކް އޮފް މޯލްޑިވްސް އިން އެއްވެސް ބަދަލެއް ގެނެސްފައި ނުވާއިރު، އެފަދަ މުއާމަލާތްތައް ހުއްޓާލައިފި ކަމަށް ބުނެ ފަތުރަމުންދަނީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި މިކަމާ ގުޅޭގޮތުން ބޭންކުގެ ފަރާތުން މީޑިއާއަކަށް އެއްވެސް ބަޔާނެއް ނުވަތަ މައުލޫމާތެއް ވެސް ހިއްސާކޮށްފައިނުވާ ކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ރަޝިޔާއިން ފޮނުވާ ނުވަތަ އެ ގައުމާ ގުޅުންހުރި ފައިސާގެ މުއާމަލާތްތައް ހުއްޓުވުމަށް ވަކި ހާއްސަ ސިޔާސަތެއް ކަނޑައަޅާފައި ނުވާ ކަމުގައިވެސް ވިދާޅުވި އެވެ.
”އެހެން ބޭންކުތަކެކޭ އެއްފަދައިން، ބޭރު ފައިސާގެ މުއާމަލާތްތައް، ހާއްސަކޮށް އެމެރިކާ ޑޮލަރުގެ މުއާމަލާތްތައް ނިންމުމުގައި ބީއެމްއެލްއިން ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކަށެވެ. މި ބޭންކުތަކުން އަމަލުކުރަނީ އެ ފަރާތްތަކުގެ އަމިއްލަ ފިޔަވަޅުތަކާއި ކޮމްޕްލަޔަންސް ސިޔާސަތުތަކަށެވެ. މީގެ ތެރޭގައި މުއާމަލާތްތަކުގައި ބައިވެރިވާ ފަރާތްތަކާއި، އެ މުއާމަލާތްތަކުން ހަގީގީ މަންފާ ލިބޭ ފަރާތްތައް ބަލައި ސްކްރީންކުރުން ހިމެނެއެވެ،” ސަޢީދު ވިދާޅުވި އެވެ.
މިފަދަ ސިޔާސަތުތަކުގެ ތެރެއަށް ފެތޭ މުއާމަލާތްތައް ކޮރެސްޕޮންޑެންޓް ބޭންކުތަކުން ބަލައިނުގަތުމަކީ ނުވަތަ އަނބުރާ ފޮނުވާލުމަކީ އެކަށީގެންވާ ކަމެއް ކަމަށާ މިފަދަ ނިންމުންތައް ނިންމުމުގެ ފުރިހަމަ އިހުތިޔާރު އޮންނަނީ ކޮރެސްޕޮންޑެންޓް ބޭންކުތަކަށް ވެސް ސައީދު ވިދާޅުވި އެވެ. އަދި ބީއެމްއެލްއިން އެ ނިންމުންތަކަށް އަމަލުކުރަން ޖެހޭ ކަމުގައި ވިދާޅުވި އެވެ.
”މިފަދަ ހަގީގަތާ ޚިލާފު ޚަބަރުތަކުން ރާއްޖޭގެ ޓޫރިޒަމަށާއި އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ކުރުން އެކަށީގެންވާކަމަށް ބޭންކުން ދެކެމެވެ،” ސައީދު ވިދާޅުވި އެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.