މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހއ. ދިއްދޫން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މ. މާހަލް / މާލެ، ޢަބްދުޙަންނާން އާދަމް (60އ) އެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ހއ. އަތޮޅު ޑްރަގް އެންފޯސްމަންޓް ގުޅިގެން، 13 ނޮވެމްބަރު 2026 ގައި ހިންގި އޮޕަރޭޝަނެއްގައެވެ.
ހއ. ދިއްދޫ ބަނދަރުގެ ދެކުނުފަރާތު ރަސްމީ ސިޑި ކައިރިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައިހުރި ތިން ރަބަރު ޕެކެޓް ވަނީ ފެނިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ކެނަބިސް ކަމަށް ޝައްކުކުރެވޭ، ވަގުތީ ބަރުދަނުގައި 36.9 ގްރާމް ހުރި ތަކެއްޗާއި، މެތަމްފެޓަމިން ކަމަށް ޝައްކުކުރެވޭ، ވަގުތީ ބަރުދަނުގައި 16.3 ގްރާމް ހުރި ތަކެއްޗެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.