ދުބާއީގެ މަޝްހޫރު އީގަލް ހިލްސް ކުންފުންޏާ ގުޅިގެން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބިޔަ މަޝްރޫއާ ދެކޮޅަށް ސިޔާސީ ވާދަވެރިން ފަތުރަމުންދަނީ އެއްވެސް އަސާސެއް ނެތް ބުހުތާނު ދޮގު ވާހަކަތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ "ބޮޑު ހަބަރު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މެމްބަރު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން މިފަދަ ވާހަކަތައް ދައްކަމުންދާ ހަމައެކަނި ބޭނުމަކީ ރައްޔިތުންގެ މެދުގައި ފިތުނަވެރިކަމާއި ބައިބައިވުން އުފެއްދުން ކަމަށެވެ. އަދި މި މަޝްރޫއާ ގުޅިގެން ރައްޔިތުންގެ މެދުގައި އުފެދިދާނެ ކޮންމެ ސުވާލަކަށް ސާފު ޖަވާބު ލިބިގެންދާނެ ފަދަ ފުރިހަމަ ގާނޫނީ އޮނިގަނޑެއް މިހާރު މަޖިލީހަށް ހުށަހެޅިފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމަކަށްވެފައި ދިވެހިންނަކީ އިސްލާމްދީން ދެކެ ނުހަނު ލޯބިވާ ބަޔަކަށްވާތީ، ސިޔާސީ މަންފާއަށްޓަކައި ދީނީ ޝިއާރުތައް ބޭނުންކޮށްގެން ރައްޔިތުންގެ ޖަޒުބާތުތަކާ ކުޅެން އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރާ ކަމަށް ވެސް މުހައްމަދު އިސްމާއީލް ތުހުމަތު ކުރެއްވިއެވެ.
"ދިވެހި ލޮބުވެތި ރައްޔިތުން މިކަމާމެދު ފުންކޮށް ވިސްނަވަންޖެހޭ. ގައުމުގެ ލާބައާއި މަންފާއަށް އެދޭ އެއްވެސް ބަޔަކު މިފަދަ ބުހުތާނު ދޮގުތަކެއް ނުފަތުރާނެ. ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެގެން ތިބުމުގެ ބަދަލުގައި، އިގްތިސާދު ސިންދަފާތުކުރަން މިއަދު މިވަނީ މަޖުބޫރުވެފައި. މިފަދަ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ އިގްތިސާދު ވަރުގަދަވެ، ރައްޔިތުންގެ ފުއްދުންތެރިކަން އިތުރުވެގެންދިޔުމަކީ އިދިކޮޅު ފަރާތްތަކުން އެދޭ ގޮތެއް ނޫން. ސިޔާސީ ސަކަރާތް ޖަހައިގެން ވެރިކަމުގެ ތެރެއަށް ވަދެ، ދައުލަތް ދަރުވާލުމަށް އެ ފަރާތްތަކުން ކުރާ މަސައްކަތްތަކަށް ހުރަސްއެޅޭތީ ދައްކާ ވާހަކައެއް މިއީ،" މެމްބަރު ވިދާޅުވިއެވެ.
މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފަދަ ގައުމާއި ރައްޔިތުންގެ ހައްގުގައި އިޚްލާސްތެރިކަމާއެކު މަސައްކަތްޕުޅު ކުރައްވާ ވެރިޔަކު ދިވެހި ތާރީހުގައި ވެސް ފެނިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މެމްބަރުގެ ވާހަކަ ނިންމަވާލައްވަމުން ފާހަގަކުރެއްވި ގޮތުގައި، ގައުމުގެ އިގްތިސާދީ ހާލަތު މިވަގުތު އޮތީ ނާޒުކު ފައްތަރެއްގައި ކަމުގައި ވިޔަސް، އެކަމުގެ ދަތިކަން ރައްޔިތުންނަށް ފޯރިޔަނުދީ، އަސާސީ ހިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ސަރުކާރުން އަންނަނީ ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދެމުންނެވެ. އެހެންކަމުން، މި ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ މުހިންމު މަޝްރޫއުތަކަށް ހުރަސްއަޅަން މަސައްކަތްކުރަނީ ގައުމަށް އެއްވެސް މިންވަރަކަށް ހެޔޮނޭދޭ ބައެއް ކަމުގައި އޭނާ ވިދާޅުވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.