އިދިކޮޅު ސިޔާސީ ޕާޓީތަކުން ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލައިގެން 2028 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭން ލޯންޗުކޮށްފައިވާ ކަމަށް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝިޔާމް މިހެން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ބޭއްވި ސިޔާސީ ހަރަކާތަކާ ގުޅުވައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. މިއީ ޒިންމާދާރު ސިޔާސީ ޕާޓީތަކުން ކުރާޒާތުގެ ކަންކަން ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ 5 އަހަރުގެ ދައުރެއްގައި ދީނީ ކަންކަމަށް އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދެއްވައިގެން ޤައުމީވަންތަ ސިފަ އެންމެ ބޮޑަށް ފެންނަ ވެރިކަމެއް ކުރައްވާ ރައީސްކަން ޝިޔާމް ފާހަގަކުރެއްވިއެވެ. އަދި ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ލާއިންސާނީ ޢަމަލުތައް ކުއްވެރިކޮށް، ރާއްޖެއާއި ބޭރު ދުނިޔޭގައި ފާޅުގައި ވަކާލާތުކުރައްވާ ވެރިއަކީވެސް ރައީސް މުޢިއްޒު ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާ ގުޅޭ ކަންކަން ކުރިން ރައްޔިތުންނާ އަދި ރައްޔިތުންގެ މަޖިލީހަށްވެސް އަންގާނުލާ ކުރެއްވި ބޭފުޅުންގެ ސިޔާސީ ނިޔަތް މިއަދު ރައްޔިތުންނަށް ސާފުވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި ދިވެހީންގެ ދީނާއި ސިޔާދަތާއި މިނިވަންކަމަށް ކުޑަވެސް ބުރުލެއް ނާރުވައި، އެކަންކަން ދިފާޢުކޮށް ހިމާޔަތްކުރާނީ މި ސަރުކާރުން ކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.
ވޭތުވެދިޔަ ސަރުކާރުތަކުން އުފައްދާފައިވާ ސިޔާދަތީ ދަރަނީގެ 1.9 ބިލިއަން ޑޮލަރު މި ސަރުކާރުން ދައްކައި، ދަރަނީގެ ދަންތުރައިން ޤައުމާއި ރައްޔިތުން ސަލާމަތްކޮށްދީފައިވާ ކަމަށް ޝިޔާމް ފާހަގަކުރެއްވިއެވެ. ކްރެޑިޓް ރޭޓިން އެޖެންސީތަކުން ރާއްޖޭގެ ރޭޓިން ރަނގަޅުކުރުމުގެ ނަތީޖާއެއްގެ ގޮތުން ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢުތައް ރާއްޖެއަށް މިސްރާބު ޖަހާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އީގަލް ހިލްސްއިން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ރަސްމާލެ މަޝްރޫޢަކީ ރާއްޖޭގެ އިޤްތިޞާދީ ނާރެސް ބަދަލުކޮށްދޭނެ އުއްމީދީ މަޝްރޫޢެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ ދިވެހިންނަކީ ފުދުންތެރި ބަޔަކަށް ހަދައި، 2040 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.