އދ. ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުއާހަދާގެ ބައިވެރިންގެ 31 ވަނަ ބައްދަލުވުން (ކޮޕް-31) ކާމިޔާބުކަމާއެކު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ތުރުކީވިލާތުގެ އަންތަލިއާއިން ފުރާވަޑައިގެންފިއެވެ.

މި ހިނގާ ނޮވެންބަރު މަހުގެ 10 އިން 14 އަށް ތުރުކީވިލާތުގައި ބޭއްވި މި ސަމިޓަކީ ރާއްޖޭގެ ތިމާވެށީގެ ސިޔާސަތުތައް ބައިނަލްއަގުވާމީ މައިދާނުގައި ވަރުގަދައަށް ތަމްސީލުވެގެންދިޔަ ބައްދަލުވުމެކެވެ. މޫސުމީ ނޭދެވޭ އަސަރުތައް އެންމެ ބޮޑަށް ފޯރާ ގައުމެއްގެ ހައިސިއްޔަތުންނާއި، ކުދި ޖަޒީރާ ގައުމުތަކުގެ އިއްތިހާދު (އެއޯސިސް) ގެ އިސް ދައުރެއް އަދާކުރާ ގައުމެއްގެ ގޮތުގައި ރާއްޖެއިން ވަނީ އަޑު އުފުލާފައެވެ. އެގޮތުން، މޫސުމީ މައްސަލަތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ހަމައެކަނި ދެއްކުންތެރި ދީލަތިކަމެއް ނޫން ކަމަށާއި، އެއީ ބައިނަލްއަގުވާމީ މުޖުތަމައުގެ މައްޗަށް ލާޒިމުވެގެންވާ އިންސާނީ އަދި ގާނޫނީ ޒިންމާއެއް ކަމަށް ރާއްޖެއިން ވަކާލާތު ކުރިއެވެ.

ކޮޕް-31 ގެ މަތީ ފަންތީގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ގައުމީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މޫސުމީ ކާރިސާތަކުން އަރައިގަތުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ވެފައިވާ ވައުދުތައް ފުއްދައި، މާލީ ނިޒާމު ހަރުދަނާކޮށް، އަމަލީ ނަތީޖާ ނެރުމަށް ބާރުއަޅުއްވާފައެވެ. އެމަނިކުފާނުގެ ތަގުރީރުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލެއްވީ ތިން ކަމެއްގެ މައްޗަށެވެ. އެއީ މާލީ އެހީތެރިކަން ކަށަވަރުކުރުމާއި، މާލީ ނިޒާމަށް އިސްލާޙީ ބަދަލުތައް ގެނައުމާއި، އަދި ނިންމާ ނިންމުންތައް ފުރިހަމައަށް ތަންފީޒުކުރުމެވެ.

އިޝްތިހާރު އިޝްތިހާރު

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މޫސުމީ މާލީ އެހީއަކީ އެއްވެސް ޝަރުތަކާ ނުލައި، އިތުރު ދަރަންޏަކަށް ނުވާނޭހެން ލިބޭ ހިލޭ އެހީގެ ގޮތުގައި ހަމަޖެއްސުމަށް ގޮވާލެއްވިއެވެ. އަދި ގްރީން ކްލައިމެޓް ފަންޑާއި، އެޑަޕްޓޭޝަން ފަންޑު އަދި ލޮސް އެންޑް ޑެމޭޖް ފަންޑަށް އެކަށީގެންވާ ވަސީލަތްތައް ފޯރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. މީގެއިތުރުން، މޫސުމީ ބަދަލުތަކުގައި އެއްވެސް ޒިންމާއެއް ނެތް ނާޒުކު ކުދި ގައުމުތައް، އެ ކާރިސާތަކުން އަރައިގަތުމަށްޓަކައި ދަރަނިވެރިވާން ޖެހުމަކީ ބޭއިންސާފެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވިލުންތެރިކަން އިތުރުކުރުމަށް ކުރާ ހޭދައަކީ މާލީ ބުރައެއްގެ ބަދަލުގައި، އެންމެންގެ ދެމެހެއްޓެނިވި މުސްތަޤުބަލަށްޓަކައި ކުރެވޭ މުހިންމު އިންވެސްޓްމަންޓެއްގެ ގޮތުގައި ބަލައިގަތުމަށާއި، ބައިނަލްއަގުވާމީ މާލީ އޮނިގަނޑު އަލުން މުރާޖައާކުރުމަށްވެސް އެމަނިކުފާނު ގޮވާލެއްވިއެވެ.

ރާއްޖޭގެ ތިމާވެށީގެ ކާމިޔާބީތަކަށް އަލިއަޅުއްވާލައްވަމުން، އޭޝިއާގެ ކުދި ޖަޒީރާ ގައުމުތަކުގެ ތެރެއިން ގްރީން ކްލައިމެޓް ފަންޑުގެ ފުރަތަމަ 'ނޭޝަނަލް ޑައިރެކްޓް އެކްސެސް އެންޓިޓީ' ގެ އެކްރެޑިޓޭޝަން ދާދި ފަހުން ރާއްޖެއަށް ހާސިލުކުރެވިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފަހުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.

މި ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބޭރުގެ އިއްޒަތްތެރިންނާ ބައްދަލުކުރައްވާފައެވެ. އެގޮތުން، ސީޝެލްސްގެ ނައިބު ރައީސް ސަބާސްޓިއަން ޕިއްލޭއާއި، ޔޫ.އެން.ޑީ.ޕީގެ އެޑްމިނިސްޓްރޭޓަރ މިސްޓަރ އެލެގްޒެންޑަރ ޑި ކްރޫއާ ބައްދަލުކުރައްވައި ދޭދޭ މަޝްވަރާތައް ކުރިއަށް ގެންދެވިއެވެ. މީގެއިތުރުން، ފަލަސްތީނުގެ ބޮޑުވަޒީރު ޑރ. މުޙައްމަދު މުޞްޠަފާއާ ބައްދަލުކުރައްވައި، އަނިޔާވެރިކަމާ ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން ކުރަމުންދާ ޖިހާދުގައި، ދިވެހިރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ "ހައި-ލެވެލް މީޓިންގ އޮފް ދަ ގްލޯބަލް ޒީރޯ ވޭސްޓް އެލަޔަންސް" ގައި ތަގުރީރު ކުރައްވާފައެވެ. އެކަމަނާގެ ވާހަކަފުޅުގައި، ކުނި އުފެދޭ އަސްލު ސަބަބުތައް ދެނެގަނެ އެކަމަށް ހައްލު ހޯދުމަށާއި، ކަނޑުގެ ދިރުންތަކާއި މާހައުލު ހިމާޔަތްކުރުމަށް ގޮވާލެއްވިއެވެ. އަދި ތުރުކީވިލާތުގެ ރައީސްގެ އަނބިކަނބަލުން އެމިނޭ އުރުދުޣާންއާ ބައްދަލުކުރައްވައި، ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެއްވުމުގެ އިތުރުން، އެ ގައުމުގައި އަލަށް ހުޅުވި 'ޒީރޯ ވޭސްޓް މިއުޒިއަމް' އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވެސް އެކަމަނާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.