ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އދ. ގެ ތަރައްޤީއާ ބެހޭ ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) ގެ އެޑްމިނިސްޓްރޭޓަރ މިސްޓަރ އެލެގްޒެންޑަރ ޑި ކްރޫއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ، އދ. ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުއާހަދާގެ ބައިވެރިންގެ 31 ވަނަ ކޮންފަރެންސް (ކޮޕް31) ގެ ހަވާސާގައެވެ.

މި ބައްދަލުކުރެއްވުމުގައި ދެފަރާތުގެ މަސްލަހަތު ހިމެނޭ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. މީގެތެރޭގައި، ދެމެހެއްޓެނިވި ތަރައްގީއާއި، މޫސުމީ ވިލުންތެރިކަން އިތުރުކުރުމާއި، އަދި ކުރިމަގުގައި އެކުގައި މަސައްކަތްކުރެވިދާނެ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

އިޝްތިހާރު އިޝްތިހާރު

މި ބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ޔޫ.އެން.ޑީ.ޕީން ރާއްޖެއަށް ޒަމާނުއްސުރެ ދެއްވަމުން ގެންދަވާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ދެފަރާތުން ހިއްސާވާ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށާއި، ދިވެހި ރައްޔިތުންނަށް ދެމެހެއްޓެނިވި ފައިދާތަކެއް ހޯއްދަވައިދެއްވުމަށްޓަކައި، ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ބައްދަލުކުރެއްވުމުގައި ދެބޭފުޅުންވެސް ވަނީ، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ދެފަރާތް ގުޅިގެން މެދުކެނޑުމެއްނެތި މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.