ތުރުކީވިލާތުގެ އަންތާލިޔާގައި ކުރިއަށްދާ ކޮޕް31 ސަމިޓުގެ ހަވާސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފަލަސްތީނުގެ ބޮޑުވަޒީރު ޑރ. މުހައްމަދު މުސްތަފާއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހިރާއްޖެއިން އަބަދުވެސް އެއްވެސް ޝަރުތެއްނެތި، ސާބިތުކަމާއެކު ދެމިއޮންނާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި މިނިވަންކަމާއި، ކަރާމާތާއި، އިންސާފު ހޯދުމަށާއި، އަމިއްލަ މުސްތަގުބަލު ކަނޑައެޅުމުގެ ހައްގު ހޯދުމަށް ފަލަސްތީނުގެ ރައްޔިތުން ކުރަމުންދާ ހައްގު ޖިހާދަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާކަން އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.
ފަލަސްތީނާއެކު ރާއްޖެއިން ބާއްވާ އެއްބައިވަންތަކަމަކީ ދިވެހި ގައުމުގެ ހަރުދަނާ އަގީދާއާއި، އިންސާފާއި އިންސާނިއްޔަތަށްޓަކައި ދިވެހިން ޒަމާނުއްސުރެ ގެންގުޅޭ އުސޫލުތައް ރަމްޒުކޮށްދޭ ކަމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު، 1967 ވަނަ އަހަރުގެ ކުރިން އޮތް ސަރަހައްދީ އިމުގެ މައްޗަށް ބިނާވެފައިވާ، އިރުމަތީ ގުދުސްއަކީ ވެރިރަށް ކަމުގައިވާ މިނިވަން އަދި ސިޔާދަތީ ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމުގެ ހައްގު ހިމެނޭހެން، ފަލަސްތީނުގެ ރައްޔިތުންގެ ނިގުޅައިނުގަނެވޭނެ ހައްގުތަކަށް ވަކާލާތުކުރުމުގައި ރާއްޖެއިން ގެންގުޅޭ ސިޔާސަތުގައި އަބަދުވެސް ސާބިތުވެ އޮންނާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންނަކީ އެކަނިވެރިވެފައިވާ ބައެއް ނޫންކަމަށާއި، އެ ރައްޔިތުންނަށް އިންސާފާއި މިނިވަންކަން ލިބި، ދާއިމީ ސުލްހައެއް ގާއިމުވާން ރާއްޖެއިން އަބަދުވެސް އެދޭ ކަމަށެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.