ސިއްހީ ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދަތުކުރާ މީހުންނަށް ބޭންކުތައް މެދުވެރިކޮށް ދޫކުރާ ޑޮލަރު ނަހަމަ ގޮތުގައި ބޭނުންކުރާކަން ފާހަގަކުރުވުމާ ގުޅިގެން ނިޒާމީ ބަދަލުތަކެއް ގެނައުމަށް ނިންމަވާފައިވާކަމަށް މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަނަރު އަހްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ އަސާސީ ބޭނުންތަކަށް ލުއި ފަސޭހަ ގޮތެއްގައި ޑޮލަރު ލިބޭކަން ކަށަވަރުކުރުމުގެ ގޮތުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ މީހުންގެ ތެރެއިން އާސަންދައިގެ ކަވަރޭޖާ ނުލައި ދަތުރުކުރާ ކޮންމެ މީހަކަށް 1،000 ޑޮލަރު ބޭންކުތަކުން ވިއްކަން ފެށީ ފާއިތުވި އަހަރުގެ އޯގަސްޓު މަހުއެވެ. އެ ފައިސާގެ އިތުރަށް ބޭރަށް ދާ ކޮންމެ މީހަކަށް ބީއެމްއެލް މެދުވެރިކޮށް 500 ޑޮލަރުވެސް ވިއްކައެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާކުރާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލު ނިޒާރުވަނީ ބޭސްފަރުވާއަށް ޑޮލަރު ދޫކުރަން ފެށިފަހުން ބައެއް މީހުން އެ އެހީ ނަހަމަ ގޮތުގައި ބޭނުންކުރާކަން ފާހަގަކުރައްވައި އެކަމުގައި މަރުކަޒީ ބޭންކުން ފިޔަވަޅުތަކެއް އަޅުއްވަން ގަސްތުކުރޭތޯ ސުވާލުކުރައްވާފައެވެ.

އިޝްތިހާރު އިޝްތިހާރު

ނިޒާރު ވިދާޅުވި ގޮތުގައި މިހާރު ރާއްޖެއިން ބޭރަށް ދަތުރުކުރާ ކޮންމެ މީހަކުވެސް ފުރަނީ ބޭސްފަރުވާއަށް ހާއްސަކޮށް ދޫކުރާ ޑޮލަރު ބޭންކުން ގަނެގެންނެވެ. ވަރަށް ގިނަ މީހުން އެ ނިޒާމުގެ ނަހަމަ ބޭނުންކުރާކަން ފާހަގަކުރެއްވޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނިޒާރު ހުށަހެޅުއްވީ ނަގުދު ފައިސާ ދޫކުރުމުގެ ބަދަލުގައި ކާޑެއްގެ ގޮތުގައި ފައިސާ ދޫކުރުމަށެވެ. އަދި އެކަމުގައި ގަވަނަރު ގެންގުޅުއްވާ ވިސްނުންފުޅަކީ ކޮބައިތޯ މެންބަރު ސުވާލުކުރެއްވިއެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ގަވަަނަރުވެސް ވިދާޅުވީ މި 1،000 ޑޮލަރު ވިއްކަން ފެށިފަހުން އެ ނިޒާމުގެ ބޭނުން ނާޖައިޒު ގޮތުގައި ބައެއް މީހުން ހިފަމުންދާކަން ފާހަގަކުރެއްވިފައިވާ ކަމަށެވެ. އަދި މިހާރު ނިޒާމު އޮތީ ޑޮކްޓަރަށް ދައްކަން އެޕޮއިންޓުމެންޓު ހެދިކަމުގެ ލިޔުން ހުށަހެޅުމުން ބޭންކުން ޑޮލަރު ވިއްކާ ގޮތަށްކަމަށްވެސް ވިދާޅުވިއެވެ.

މުނައްވަރު ވިދާޅުވީ އެންސްޕާއާއި އާސަންދައިގެ ނިޒާމުގެ ތެރެއިން މޮނީޓާކުރުން އިތުރަށް ހަރުދަނާކުރުމާއެކު، ބައެއް ނިޒާމީ ބަދަލުތައް އަންނަ އަހަރުގެ ޖަނަވަރީން ފެށިގެން އެ ފައިސާ ވިއްކުމުގެ ނިޒާމަށް ގެންނަވަން ވިސްނަވާ ކަމަށެވެ.

"އަޅުގަނޑުމެން އަދި މަޝްވަރާ ކުރަމުން މިދަނީ އެންސްޕާ އަދި އާސަންދަ ނިޒާމުގެ ތެރެއިން އިތުރަށް މޮޮނީޓާ ކުރުމަށްޓަކައި މަސައްކަތް ކުރަމުން. އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު ޖެނުއަރީ ތެރޭގައި [ެމެޑިކަލް ޑޮލަރު ދޫކުރުމުގެ އުސޫލަށް] ބަދަލުތަކެއް ގެނެވިގެންދާނެ،" ގަވަނަރު ވިދާޅުވިއެވެ.

ނިޒާމަށް ބަދަލުތަކެއް ގެންނަވާނެކަން ހާމަކުރެއްވި ނަަމަވެސް ގެންނަވަން ގަސްތުކުރައްވާ ބަދަލުތަކުގެ ތަފުސީލެއް ގަވަނަރު ހާމަނުކުރައްވައެވެ. ނަމަވެސް މިހާރުވެސް މެޑިކަލް ކަންކަމަށް ޑޮލަރު ދޫކުރަނީ ހަ ގައުމަކަށް ދާ މީހުންނަށް އެކަނިކަން ފާހަަގަކުރެއްވިއެވެ. އަދި ގެންނަ ބަދަލުތަކާއެކު މިހާރަށްވުރެ ރަނގަޅަށް އެ ފައިސާ ދޫކުރެވެނީ ހައްގުވެރިންނަށްކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރެވޭނެ ކަމުގައި ވިދާޅުވިއެވެ.