އެމްއެމްއޭ ފިންލިޓް ފެސްޓް ބަހުސް މުބާރާތުގެ ފައިނަލަށް މިމަހުގެ 10 ގައި ބާއްވާ ގޮތަށް ނިންމައިފިއެވެ.

މި މުބާރާތުގެ ފައިނަލަށް ގޮސްފައިވަނީ އަހްމަދިއްޔާއާއި ސީއެޗްއެސްއީ ހުޅުމާލެއެވެ.

ހަތަރު ޓީމާއެކު އެމްއެމްއޭ ފިންލިޓް ފެސްޓް ބަހުސް މުބާރާތް ފަށާފައިވަނީ، މިމަހުގެ 7 ގައެވެ. މިމުބާރާތުގައި ވާދަކުރަނީ ސީއެޗްއެސްއީ ހުޅުމާލެ، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް އަދި އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްއެވެ. މި މުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ، 6 ބުރަކަށް ބަހާލައިގެންނެވެ.

އިޝްތިހާރު އިޝްތިހާރު

މި މުބާރާތުގައި އިގުތިސާދީ އެކިއެކި މައުޟޫތަކާއި ސޯޝަލް އިކޮނޮމިކް ނުވަތަ އިޖުތިމާއީ އިގުތިސާދީ މައުޟޫތަކަށް އިއްޔެގެ ބަހުސްގެ ބައިވެރިން ވަނީ ވާހަކަ ދައްކާފައެވެ.

އެމްއެމްއޭ ފިންލިޓް ފެސްޓް ބަހުސް މުބާރާތަކީ، އެ އޮތޯރިޓީން ފަށާފައިވާ މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތް "އެމްއެމްއޭ ފިންލިޓް ފެސްޓް"ގެ ތެރެއިން ގެންދާ މުބާރާތެކެވެ. މި މުބާރާތުގެ މަގުސަދަކީ ޒުވާނުންނާއި، ދަރިވަރުންގެ މެދުގައި މާލީ ހޭލުންތެރިކަން އިތުރު ކުރުމާއި، އިގުތިސާދީ މައްސަލަތަކުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، އެ ކަންކަމާމެދު ފުންކޮށް ވިސްނުމަށް ހިތްވަރުދިނުމުގެ އިތުރުން ވާހަކަ ދެއްކުމުގެ ހުނަރު ތަރައްގީ ކުރުމަށް ބާއްވާ މުބާރާތެކެވެ.

މި މުބާރާތުގެ ފައިނަލް ބޭއްވުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 10 ވާ އަންގާރަ ދުވަހެވެ.