އިސްރާއީލުގެ ޖަލެއްގައި ބަނޑަށްމަރުވި ފަލަސްތީނު ޒުވާނާގެ ހަށިގަނޑު، 20 މަސްފަހުން އަނބުރާ ހަވާލުކޮށްފިއެވެ.
ވަލީދު ޚާލިދު މުހައްމަދު ނަމަކަށްކިޔާ އުމުރުން 17 އަހަރުގެ ޒުވާނާ މަރުވެފައިވަނީ 2025 ވަނަ އަހަރުގެ މާޗްމަހުގެ ތެރޭގައި އިސްރާއީލުގެ މެގިޑޯ ޖަލުގައެވެ. އެއީ، ފަލަސްތީނު ނަސްލަތަށް ނިސްބަތްވާ ބްރެޒިލްގެ ރަށްވެހިކަން އޮންނަ ޒުވާނެކެވެ.
އިސްތިއުމާރީ ސިފައިން އޭނާ ހައްޔަރު ކުރިއިރު، އޭނާ ދިރިއުޅޭމުން ދިޔައީ ހުޅަނގު އައްސޭރީގެ ސިލްވާދުގައެވެ. އޭނާ ޝަހީދުވީ އިސްތިއުމާރީ ސިފައިން އޭނާ ހައްޔަރުކޮށްގެން ޖަލަށް ގެންދިޔަތާ 6 މަސް ފަހުންނެވެ.
ފަލަސްތީނު ޕްރިޒަނަރސް އެފެއަރޒް ކޮމިޝަނާއި، ފަލަސްތީނު ޕްރިޒަނަރސް ސޮސައިޓީން ބުނެފައިވަނީ، ވަލީދު ޚާލިދު މުހައްމަދު ޝަހީދުވީ ޖަލުގައި ތަޅައި ދީފައިވާ ބޮޑެތި އަނިޔާތަކަށް އެއްވެސް ފަރުވާއެއް ދިނުމަށް އިސްރާއީލުން ދެކޮޅު ހަދައި އަދި ކާއެއްޗެއްވެސް ނުދިނުމުގެ ސަބަބުން ބަނޑަށް ކަމަށެވެ.
މިމައްސަލަ އިސްރާއީލުން ތަހްގީގުކުރާ ކަމުގެ އަޑުވެސް އެރުވިއެވެ.
އެހެންނަމަވެސް އިސްރާއީލުގެ ފަނޑިޔާރަކު ބުނީ، ވަލީދު "ބަނޑުހައިވެފައިވާ ކަމަށް" ގަބޫލުކުރެވުނު ނަމަވެސް، އޭނާ މަރާއި، ޖިސްމާނީ ހާލަތު ގޯސްވުމާ ގުޅުމެއް އޮތްކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އެހެންވެ، ފަނޑިޔާރުވަނީ ތަހުގީގު ބަންދުކޮށްފައެވެ.
ވަލީދު ޚާލިދު މުހައްމަދުގެ ހަށިގަނޑު އިސްރާއީލުން އަނބުރާ ހަވާލުކުރީ، ކޮމިޝަން އޮފް ޑިޓެއިނީސް އެންޑް އެކްސް ޑިޓެއިނީސް އެފެއަރޒްގެ ގާނޫނީ ވަކީލު ނާދިޔާ ދަޤާ ކުރި ވަރުގަދަ ގާނޫނީ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ.
ޑިފެންސް ފޮރ ޗިލްޑްރަން އިންޓަރނޭޝަނަލްއިންވަނީ ޖަލުގެ ގޮޅީގައި ވަލީދުއާއެކު ތިބި ކުދިންގެ ހެކިބަސް ނަގާފައެވެ. އަދި އޭނާ ޝަހީދުވި ދުވަހު ކަންތައް ހިނގިގޮތުގެ ބަޔާންތައްވެސް ނަގާފައެވެ.
އިސްތިއުމާރީ ސިފައިންގެ އޮފެރު ޖަލާއި މެގިޑޯ ޖަލުގައި މިހާރުވެސް ފަލަސްތީނުގެ 350 އެއްހާ ކުދިން ހައްޔަރު ކޮށްފައި އެބަ ތިއްބެއެވެ. މިއީ އެއްވެސް ޝަރީއަތެއް ކުރުމަކާނުލައި ޖަލުގައި ބަންދުކޮށްފައިވާ ކުދިންނެވެ.
އެކުދިންނަށް ކާންނުދީ، ބޯނޭ ފެންފޮދެއްވެސްނުދީ އަދި ފާޚާނާ ކުރުމާއި ނިދިޔަނުދޭއިރު، ޖިސްމާނީ، ބޮޑެތި އަނިޔާތަކާއި، ޖިންސީ އަނިޔާތައްވެސް ދެމުންގެންދެއެވެ. ޖިސްމާނީ ބޮޑެތި އަނިޔާތައް ކުރުމަށްފަހު ބޭސްފަރުވާ ކުރުމަށްވެސް ގެންދަނީ އިންކާރުކުރަމުންނެވެ.
ޖަލުގައި ބޮޑެތި އަނިޔާތައް ކުރުމުގެ ސަބަބުންނާއި އަދި ކާއެއްޗެއް ނުދިނުމުގެ ސަބަބުން އިސްތިއުމާރީ ދައުލަތުގެ ޖަލުތަކުގައި ފަލަސްތީނު އެތައް ކުދީންނާއި ބޮޑެތި މީހުން މިހާތަނަށް ޝަހީދުވެފައި ވެއެވެ.
އިސްރާއީލުގެ ޖަލުތަކުގައި 1967 ވަނަ އަހަރުން ފެށިގެން މިހާތަނަށް ޝަހީދުވި ފަލަސްތީނު އެތައް ބައެއްގެ ތެރެއިން 98 މީހެއްގެ ހަޑިގަނޑު އަދިވެސް އުޅެނީ ހިފަހައްޓައިގެންނެވެ.
ޖަލުގައި ބަނޑަށްމަރުވި ފަލަސްތީނު ޒުވާނާގެ ހަށިގަނޑު 20 މަސްފަހުން ހަވާލުކޮށްފި
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.