އެމެރިކާގެ ނިއުޔޯކް ސިޓީގެ ބްރޫކްލިންގައި ހުރި ތިން ބުރީގެ އިމާރާތެއް، އިންވެގެން މަސައްކަތް ކުރަމުންދިޔަ ކޮންސްޓްރަކްޝަން ސައިޓެއްގެ ތެރެއަށް ވެއްޓި، 8 މީހުން މަރުވެ އިތުރު 17 މީހަކު ޒަޚަމްވެފައިވާ ކަމަށް އެ ސިޓީގެ މޭޔަރު ޒޮހްރާން މަމްދާނީ ވިދާޅުވެއްޖެއެވެ.
މޭޔަރު މަމްދާނީ ފާހަގަކުރެއްވި ގޮތުގައި، ބުދަ ދުވަހުގެ ހަވީރު 4:00 ހާއިރު ފްލެޓްބަޝް ސަރަޙައްދުގައި ހިނގި މި ހާދިސާގައި ވެއްޓިފައިވަނީ 1930 ގެ އަހަރުތަކުގައި ބިނާކޮށްފައިވާ ދުވަސްވީ އިމާރާތެކެވެ. މި އިމާރާތް ވެއްޓުނީ އޭގެ އަރިމަތީގައި ބިން ކޮނެ ފުންކުރުމުގެ މަސައްކަތް ހިނގަމުންދިޔަ ކޮންސްޓްރަކްޝަން ސައިޓުގެ ތެރެއަށެވެ.
މި ހާދިސާއާ ގުޅިގެން މީހުން ހޯދައި ސަލާމަތްކުރުމުގެ މަސައްކަތުގައި އަލިފާން ނިއްވާ އަދި ކުއްލި ސިއްޙީ ޚިދުމަތްދޭ 250 އަށްވުރެ ގިނަ އޮފިސަރުން ހަރަކާތްތެރިވަމުން އަންނައިރު، ކުނިބުނީގެ އަޑިން މާބަނޑު އަންހެނަކާއެކު ޖުމްލަ 4 މީހަކު ވަނީ ސަލާމަތްކޮށްފައެވެ. އެ މީހުން ސަލާމަތްކުރެވުނީ ހާދިސާ ހިނގިތާ ގާތްގަނޑަކަށް ދެ ގަޑިއިރާއި ބައިގެ ތެރޭގައެވެ.
ފަޔަރ ކޮމިޝަނަރ ލިލިއަން ބޮންސިގްނޯރި ހާމަކުރެއްވި ގޮތުގައި، މި ހާދިސާގެ އަސަރު ފޯރި މީހުންގެ ތެރޭގައި 7 ކުޑަކުދިންވެސް ހިމެނެއެވެ. ނަމަވެސް، ފުރާނަ ގެއްލުނު މީހުންނާއި އަނިޔާވި މީހުންގެ ވަކިވަކި ތަފްޞީލު އަދި ހާމަކޮށްފައެއް ނުވެއެވެ. އިމާރާތް ވެއްޓުނު ވަގުތު އެތެރޭގައި ތިބި މީހުންނާއި މަސައްކަތްކުރަން ތިބި މީހުންގެ ސީދާ އަދަދު އަދި ނޭނގޭތީ، މުޅި ސަރަޙައްދު އެއްކޮށް ބަލައި ފާސްކުރުމަށް ދުވަސްތަކެއް ހޭދަވާނެ ކަމަށް ފަޔަރ ޑިޕާޓްމަންޓުގެ ޗީފް ޖޯން އެސްޕޮސިޓޯ ވަނީ ވިދާޅުވެފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި، ނިއުޔޯކް ސިޓީގެ ޑިޕާޓްމަންޓް އޮފް ބިލްޑިންގްސްގެ އިތުރުން ކަމާގުޅޭ ސަލާމަތީ އިދާރާތަކުން މިހާރު އަންނަނީ މައްސަލަ ބަލައި ތަޙުޤީޤު ކުރަމުންނެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.