ކާރިސާތަކަށް މުޖުތަމަޢު އަހުލުވެރިކުރުވުމަށާއި، ކުރިއާލައި އިންޒާރުދޭ ނިޒާމުތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއާއި މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމްއާރުސީ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމަކީ "ޓްރެކްޓް" (ޓީ.އާރު.އޭ.ސީ.ޓީ) ޕްރޮޖެކްޓުގެ ދަށުން ކަނޑައެޅިފައިވާ މުހިންމު ޙަރަކާތްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަންފީޒުކުރުމަށްޓަކައި ވެވުނު އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ކާރިސާތަކަށް ތައްޔާރުވެފައިވާ މިންވަރު މުޖުތަމަޢުގައި އިތުރުކުރުމާއި، ކުރިމަތިވެދާނެ ނުރައްކާތަކާމެދު ޢާންމުން ހޭލުންތެރިކުރުވުމެވެ. މީގެއިތުރުން، ރައްޔިތުންގެ ޢަމަލީ ބައިވެރިވުމާއެކު އެކި ބާވަތުގެ ޤުދުރަތީ އަދި މޫސުމީ ނުރައްކާތަކުން ރައްކާތެރިވުމަށްޓަކައި ކުރިއާލައި އިންޒާރުދޭ ނިޒާމުތައް ފުޅާކޮށް ހަރުދަނާކުރުންވެސް މި އެއްބަސްވުމުގެ ތެރޭގައި ހިމެނެއެވެ.
ތިމާވެށްޓާ ބެހޭ ވުޒާރާއިން ބުނިގޮތުގައި، މި މަސައްކަތުގެ ސަބަބުން ރަށްރަށުގެ ފެންވަރުގައި ކާރިސާތަކުން ރައްކާތެރިވުމަށް މަސައްކަތްކުރާ ފަރާތްތަކުގެ ޤާބިލުކަން އިތުރުވެގެންދާނެއެވެ. އަދި ކުއްލި ޙާލަތްތަކުގައި މަޢުލޫމާތު އަވަހަށް ފޯރުކޮށްދެވި، ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އިތުރަށް ހަލުވިވެގެންދާނެއެވެ.
ދެކުނު އޭޝިއާ ސަރަޙައްދުގެ ހަތް ޤައުމެއްގައި ކާރިސާތަކުން ރައްކާތެރިވުމުގެ ޤާބިލުކަން އިތުރުކުރުމަށް އެކުލަވާލާފައިވާ "ސައުތު އޭޝިއާ ޑިޒާސްޓަރ ރިސްކް ރިޑަކްޝަން" (އެސްއޭޑީއާރުއާރު) ޕްރޮގްރާމް އިފްތިތާޙުކުރުމުގެ މަތީ ފަންތީގެ ބައްދަލުވުމުގައި މިއަހަރުގެ އޮކްޓޫބަރު މަހު ރާއްޖެއިން ވަނީ ބައިވެރިވެފައެވެ.
މީގެއިތުރުން، ސަރުކާރުގެ "މޯލްޑިވްސް 2.0" ޑިޖިޓަލް ޓްރާންސްފޯމޭޝަން އެޖެންޑާގެ ދަށުން، ކާރިސާތަކުގެ ނުރައްކާ މެނޭޖުކުރުމަށް ބޭނުންވާ ޑިޖިޓަލް ވަޞީލަތްތައް ހަރުދަނާކުރުމުގެ ގޮތުން "ޑިޒާސްޓަރ އެސެސްމަންޓް އެންޑް ލޮސް އެނަލިސިސް" (ޑާލާ) ނިޒާމުވެސް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ މިދިޔަ އަހަރު ތަޢާރަފުކޮށްފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.