އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި މައްސަލަތަކާއި ކަންބޮޑުވުންތައް ފަސޭހަކަމާއެކު ރިޕޯޓްކުރެވޭނެ ޚާއްސަ ޑިޖިޓަލް ނިޒާމެއް ތައާރަފުކޮށްފިއެވެ. "ސޭފްޓީ އިންސިޑެންޓް ރިޕޯޓިންގ އެންޑް ލާނިންގ ސިސްޓަމް" ގެ ނަމުގައި ތައާރަފުކުރި މި ޕްލެޓްފޯމަކީ، އޭއީއެޗްގެ އައިސީޓީ ޑިޕާޓްމަންޓުން އަމިއްލައަށް ފަރުމާކޮށް ތަރައްގީކޮށްފައިވާ ނިޒާމެކެވެ.
އޭއީއެޗުން ވިދާޅުވި ގޮތުގައި މި ސިސްޓަމަކީ ބަލިމީހުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި ހާދިސާތަކާއި، ނުރައްކަލަށް ހުށަހެޅިދާނެ ފަދަ ހާލަތްތައް ދެނެގަނެ ރިޕޯޓުކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ގާއިމުކުރި ނިޒާމެކެވެ. މައްސަލަތައް ރިޕޯޓުކުރާ މުވައްޒަފުން ކުށްވެރިކުރުމުގެ ވިސްނުން ނައްތާލައި، ކަންބޮޑުވުންތައް މިނިވަންކަމާއެކު ހިއްސާކުރުމަށް ބާރުއެޅުމުގެ ގޮތުން، ރިޕޯޓުކުރާ ފަރާތް ކާކުކަން ނޭނގޭ ގޮތަށް ސިއްރު ހިފެހެއްޓޭނެ އިންތިޒާމުވެސް މި ސިސްޓަމުގައި ވަނީ ހަމަޖައްސާފައެވެ.
ހާދިސާތައް ރިޕޯޓުކުރުމުގެ އިތުރުން، އެފަދަ ކަންކަން މުރާޖައާކުރުމަށާއި، އަޅަންޖެހޭ އިސްލާހީ ފިޔަވަޅުތައް އެޅޭ މިންވަރު މޮނިޓަރކުރުމުގެ ފުރުސަތު މި ސިސްޓަމުން ފަހިވެގެންދެއެވެ. އަދި ތަކުރާރުވަމުންދާ ނުރައްކާތައް ދެނެގަނެވި، ކުރިއަށް އޮތް ތަނުގައި އެފަދަ ހާދިސާތައް ހިނގުން ހުއްޓުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި މި ސިސްޓަމް ބޭނުންކުރެވޭނެ ކަމަށްވެސް އެ ހޮސްޕިޓަލުން ފާހަގަކުރެއްވިއެވެ.
މިއީ ހޮސްޕިޓަލުގެ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށާއި، މީގެ ސަބަބުން ބަލިމީހުންނަށް ރައްކާތެރި ފަރުވާއެއް ކަށަވަރުކޮށްދިނުމުގެ އިތުރުން، މުވައްޒަފުންނަށް އަމާން އަދި ރައްކާތެރި މަސައްކަތުގެ މާހައުލެއް ގާއިމުވެގެންދާނެ ކަމަށް އޭއީއެޗުން ވިދާޅުވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.