މަސްދަޅު ކޭސް ވިއްކުމުގައި އެއްވެސް ހިފެހެއްޓުމެއް ނެތް ކަމަށާއި، ބާޒާރުން މަސްދަޅު ލިބުމުގައި މިހާރު އެއްވެސް ދަތިކަމެއް ނޫޅޭނެ ކަމުގެ ޔަގީންކަން ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން ދީފިއެވެ.
މިފްކޯއިން މިކަން ސާފުކޮށްދީފައި މިވަނީ، މާލެއާއި އަތޮޅުތަކުގެ ބައެއް ރީޓެއިލް ފިހާރަތަކުން ތެޔޮމަސްދަޅު ކޭސް ލިބުން ދަތިވެ، އެ ކުންފުނީގެ އައުޓްލެޓްތަކުން މަސްދަޅު ވިއްކުން ލިމިޓްކޮށްފައިވާ ކަމަށް ބުނެ އަޑުފެތުރިފައިވާ ދަނޑިވަޅެއްގައެވެ.
މިކަމާ ގުޅޭގޮތުން "އެމްއެމްޓީވީ" އަށް މައުލޫމާތު ދެއްވަމުން މިފްކޯގެ އޮފިޝަލަކު ވިދާޅުވީ، މަސްދަޅު ވިއްކުން އެއްވެސް އިރެއްގައި ކޮންޓްރޯލް ކޮށްފައި ނުވާނެ ކަމަށެވެ. އަދި ވޭތުވެދިޔަ ދުވަސްތަކުގައި ބާޒާރުން މަސްދަޅު ލިބުމުގައި ކުޑަ ދަތިކަމެއް ދިމާވީ، މޫސުން ގޯސްވުމުގެ ސަބަބުން ޅ. ފެލިވަރުން މާލެއަށް މުދާ އުފުލުމަށް ހުރަސްތަކެއް ކުރިމަތިވުމުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް، މިހާރު އެ މައްސަލަ މުޅިން ހައްލުކުރެވިފައިވާ ކަމަށާއި، މިފްކޯގެ ހުރިހާ ފިހާރަތަކަކުންނާއި އައުޓްލެޓްތަކުން އެއްވެސް ދަތިކަމެއް ނެތި މިހާރު ވެސް ވަކިވަކި މަސްދަޅާއި މަސްދަޅު ކޭސް ލިބެން ހުންނާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މިފްކޯގެ އުފެއްދުންތަކުގެ ތެރެއިން "ފަސްމީރު" ބްރޭންޑުގެ ތެޔޮ މަސްދަޅަކީ އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ، ކެއިންބުއިމުގެ ޒަރޫރީ ބޭނުންތަކަށް ނުހަނު ގިނައިން ބޭނުންކުރަމުން އަންނަ އުފެއްދުމެކެވެ. އެހެންކަމުން، ރައްޔިތުންނަށް ދަތިނުވެ، މެދުކެނޑުމެއްނެތި މިފަދަ އުފެއްދުންތައް ފޯރުކޮށްދިނުމަކީ އެ ކުންފުނިން ހާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެކެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.