ރާއްޖޭގެ ޝަރުއީ ނިޒާމު ހަރުދަނާކުރުމަށް މި ސަރުކާރުން ކުރި މަސައްކަތާ އެއްވަރުގެ މަސައްކަތެއް ކުރީގެ އެއްވެސް ސަރުކާރަކުން ކޮށްފައި ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ މަރުގެ އަދަބު ތަންފީޒުކުރުމުގެ މައްސަލައިގައި ޝަރުއީ ނިޒާމަށް އޮތް އިތުބާރު ބޮޑުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ވިސްނުމާ މެދު ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ޝަރުއީ ދާއިރާ މުސްތަގިއްލުކޮށް ހިންގުމަށް ޖާގަދެއްވުމަށް ވެވަޑައިގެންނެވި ވައުދުފުޅުތަކާ އެއްގޮތަށް އަމަލުފުޅުތައް ސީދާވާނެ ކަމަށެވެ.
ވެރިކަމުގެ ހުވައިކުރެއްވި ދުވަހުން ފެށިގެން ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވުން ނިމުމަކަށް ގެންނަވާފައިވާ ކަމަށާއި، މިއަދު ސަރުކާރުން ކޯޓުތަކަށް އެއްވެސް ނުފޫޒެއް ނުފޯރުވާކަން ސިޔާސީ ލީޑަރުންނާއި ރައްޔިތުންވެސް ގަބޫލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ކޯޓެއްގައި މައްސަލައެއް ހިނގުމާއި ލަސްވުން ނުވަތަ އަވަސްވުން ފަދަ އެއްވެސް ކަމެއް ހިނގަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ގުޅައިގެން ނޫންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅަމުންދާކަން ފާހަގަކުރައްވަމުން، އެ ދާއިރާގެ ބަޖެޓު ވަކިކޮށްދީ ބަޖެޓު ބޮޑުކޮށްދިނުމުން މާލީ މިނިވަންކަން ލިބިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން ޑްރަގް ކޯޓާއި ކްރިމިނަލް ކޯޓަށް އައު އިމާރާތްތައް ހަމަޖައްސަވައި، ސުޕީރިއާ ކޯޓު ކޮމްޕްލެކްސް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކުރެވި ކުރެހުމުގެ މަރުހަލާ ފެށިފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
މަރުގެ އަދަބު ތަންފީޒުނުކުރުމަށް ކުރީގެ ސަރުކާރުތަކުން ޝަރުއީ ދާއިރާއަށް އިތުބާރު ނެތުމާއި ނުފޫޒު ފޯރުން ބަހަނާއެއްގެ ގޮތުގައި ބޭނުންކުރި ނަމަވެސް، އިސްލާމްދީނުގައި ފަރުޟުކުރައްވާފައިވާ ކަމަކަށްވާތީ އެ އަދަބު ތަންފީޒުކުރުމަކީ ސަރުކާރުގެ ސިޔާސަތުކަމަށް ރައީސް ވިދާޅުވިއެވެ. އެކަމަށްޓަކައި ނިޒާމީ ގޮތުން ޝަރުއީ ދާއިރާއަށާއި އެހެނިހެން މުއައްސަސާތަކަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދެއްވުމަކީ މަގާމުގެ ހައިސިއްޔަތުން ކުރައްވަންޖެހޭ ކަމެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.