ރާއްޖޭގެ ޓާޝަރީ ހޮސްޕިޓަލްތައް އެއް ވިއުގައަކުން ހިންގުމަށް ނިންމެވީ ދައުލަތުގެ ހަރަދު ކުޑަކުރުމަށާއި ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ "މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް" އުފެއްދެވީ ޓާޝަރީ ހޮސްޕިޓަލްތައް އެއް މެނޭޖްމަންޓެއްގެ ދަށުން ހިންގުމަށެވެ. މިއީ ސިއްހީ ދާއިރާގެ ހިންގުން ހަރުދަނާކުރުމަށް ސަރުކާރުން އެޅުއްވި މުހިންމު ފިޔަވަޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ އެއް ނެޓްވޯކަކުން ހޮސްޕިޓަލްތައް ހިންގުމުން ވަސީލަތްތައް ތަކުރާރުވުން ނުވަތަ ޑުބްލިކޭޝަން ނައްތައިލެވޭނެ ކަމަށެވެ. އަދި މި ގްރޫޕުގައި ހިމެނޭ ހުރިހާ ތަނަކުން ވެސް އެންމެ މަތީ ފެންވަރުގެ ސިއްހީ ފަރުވާ ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު

މި ނިޒާމުގެ ސަބަބުން ރައްޔިތުންނަށް ދެވޭ ހިދުމަތްތަކުގެ ފެންވަރު މަތިވެ ހިދުމަތް އަވަސްވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި ބަދަލު ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ފެށިފައިވާ އިރު، ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި މުޅި ނިޒާމު އެއްކޮށް ބަދަލުވެ ނިމޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ސިޔާސަތުގެ ދަށުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއާއި އިތުރު 5 ހޮސްޕިޓަލެއްގެ ގަވަރނިންގ ބޯޑުތައް އުވައިލައްވައި "މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް" ވަނީ 3 ނޮވެމްބަރުގައި އުފައްދަވާފައެވެ. ބޯޑުތައް އުވައިލެވުނު ތަންތަނުގެ ތެރޭގައި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލާއި، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި، ގަން ރީޖަނަލް ހޮސްޕިޓަލާއި، ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ހިމެނެއެވެ.

އައު އިންތިޒާމުގެ ދަށުން މި ގްރޫޕުގެ ގަވަރނިންގ ބޯޑާއި ހޮސްޕިޓަލްތަކުގެ މަސައްކަތްތައް ވިލަރެސްކުރައްވާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޮރ ޓަރޝަރީ ހެލްތު ސަރވިސަސްއެވެ.