އަބުރާ ބެހުމަކީ މަދަނީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، ނަމާއި އަބުރު ރައްކާތެރިކުރުމުގެ ޙައްޤުގެ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ހުށަހެޅުއްވި މި ބިލުގެ ފުރަތަމަ ކިޔުން މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ.
މި ބިލާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިއީ މީހުންގެ އަބުރު ރައްކާތެރިކޮށްދިނުމުގެ މަތިވެރި މަޤްޞަދުގައި ހުށަހެޅުނު މުހިންމު ބިލެއް ކަމަށެވެ. އަދި ވަކި މީހަކާ މެދު ދޮގު ވާހަކަ ފެތުރުމާއި ޝާއިޢުކުރުމަކީ އަބުރަށް އަރައިގަތުން ކަމަށާއި، އެއީ އިސްލާމްދީނުގައި ވެސް ކަނޑައެޅިގެން ނަހީކުރައްވާފައިވާ ނުރައްކާތެރި ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ދޮގު ބަސްތައް ފެތުރުމުގެ ސަބަބުން މުޖުތަމަޢުގެ ހަމަބުއްދި ހުރި މީހުންގެ މެދުގައި އެ މީހަކާ މެދު ދެކޭ ގޮތް ބަދަލުވެގެންދާ ކަމަށާއި، މި ބިލުގައި އަބުރަށް އަރައިގަނެވޭ ގޮތްތައް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާނެ ކަމަށެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 33 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ޙައްޤު ޙިމާޔަތްކުރުމަށް ހުށަހެޅި މި ބިލުގެ މައިގަނޑު ބޭނުމަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މީހުންގެ އަބުރު ރައްކާތެރިކުރުމާ ދެމެދު ހަމަހަމަކަމެއް ޤާއިމުކުރުމެވެ. މީގެއިތުރުން އަބުރަށް އަރައިގަނެވޭ ފަރާތްތަކަށް ހަޤީޤަތް ހާމަކުރުމާއި، ރައްދު ދިނުމާއި، މަޢުލޫމާތު އިޞްލާޙުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުން ވެސް މި ބިލުގައި ހިމެނެއެވެ.
މި ބިލުގައި އަބުރާ ބެހުމަކީ ކޮބައިކަމާއި، އެ އަމަލު ބެލެވޭނެ ޙާލަތްތައް ތަފްޞީލުކޮށްދީފައިވެއެވެ. އަދި އަބުރާ ބެހުމުން މަޢާފަށް އެދުމުގެ އުސޫލުތަކާއި، ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް ޝަރީޢަތަށް މައްސަލަ ހުށަހެޅުމާއި، ޝަރުޢީ މަރުޙަލާގެ ތެރެއިން މާލީ ބަދަލު ނަގައިދިނުމާ ގުޅޭ ހަރުދަނާ އިޖުރާއަތުތަކެއް މި ބިލުގައި ވަނީ ކަނޑައަޅައިފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.