މިއަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު، ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 12 އިންސައްތައިގެ ކުރިއެރުމެއް ހޯދައިފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، މި އަހަރުގެ މިހާތަނަށް ޗައިނާއިން 335,917 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި އެ ގައުމުން ޒިޔާރަތްކުރި 298,626 ފަތުރުވެރިންނާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ބޮޑު އިތުރުވުމެކެވެ. މީގެއިތުރުން، މިއީ މިދިޔަ މުޅި އަހަރު އެއްކޮށް ޗައިނާއިން ރާއްޖެ އައި 329,428 ފަތުރުވެރިންގެ ޖުމްލަ އަދަދަށްވުރެ ވެސް އިތުރު އަދަދެކެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގެ އެއްވަނައިގައި ޗައިނާ އޮތްއިރު، ދެވަނައިގައި އޮތީ 263,546 ފަތުރުވެރިންނާއެކު ރަޝިއާއެވެ. އަދި ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ އިނގިރޭސިވިލާތުން 139,737 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

އިޝްތިހާރު އިޝްތިހާރު

ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދަށް ބަލާއިރު، އަހަރުގެ މިހާތަނަށް 1.8 މިލިއަން ފަތުރުވެރިން ވަނީ އައިސްފައެވެ. އެވްރެޖްކޮށް ދުވާލަކު 5,911 ފަތުރުވެރިން އަންނަ ނަމަވެސް، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 3 އިންސައްތައިގެ ދަށްވުމެކެވެ.

މިއަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ 2.5 މިލިއަން ފަތުރުވެރިންގެ އަމާޒަށް ވާސިލުވުމަށް، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ވައިގެ ދަތުރުފަތުރަށް އައި ލޮޅުންތަކުގެ ސަބަބުން ވަނީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ. އެހެންނަމަވެސް، ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކާއެކު ކުރެވުނު މަސައްކަތްތަކުގެ ހެޔޮ ނަތީޖާ ފެންނަމުންދާ ކަމަށާއި، އަހަރުގެ ފަހު ކުއާޓަރުގައި މި ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވަނީ ވިދާޅުވެފައެވެ.