އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ސަންޑަލެންޑް އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެ، ތާވަލުގެ ހަތަރުވަނައަށް އެރުމަށް ޗެލްސީއަށް ލިބުނު ރަނުގެ ފުރުސަތު ގެއްލިއްޖެއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ސަންޑަލެންޑުން ޖެހި ހަމައެކަނި ލަނޑަކީ މެޗުގެ 36 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެންޒޯ ލެ ފީ ކާމިޔާބުކުރި ލަނޑެކެވެ. ޗެލްސީގެ ގޯލްކީޕަރު މައިކް ޕެންޑާސްއަށް އޮޅުވާލުމަށްފަހު އޭނާ މި ލަނޑު ޖެހި ނަމަވެސް، މެޗުގެ ރެފްރީ ގިލެޓް އެ ޕެނަލްޓީ ދޭން ނިންމި ނިންމުމަކީ ގިނަ ބައެއްގެ މެދުގައި ބޮޑެތި ސުވާލުތަކަކާއި ބަހުސްތަކެއް އުފެދުނު ކަމެކެވެ.
މެޗުގައި ޗެލްސީން 10 ހަމަލާއެއް އުފެއްދި ނަމަވެސް، ލަނޑު ޖަހާނެ މާ އެދެވޭ ހުސް ފުރުސަތުތަކެއް އެ ޓީމަކަށް ތަނަވަހެއް ނުކުރެވުނެވެ. މިއީ ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން ޗެލްސީ ބަލިވި ދެވަނަ މެޗެވެ. މި ނާކާމިޔާބީއާއެކު، ހަތަރުވަނައިގައި އޮތް ލިވަޕޫލްގެ ފަހަތުން ދެ ޕޮއިންޓުގެ ފަރަގަކާއެކު ޗެލްސީ އަދިވެސް އޮތީ ތާވަލުގެ ފަސްވަނައިގައެވެ.
އަނެއްކޮޅުން، މިއީ މި ސީޒަނުގެ ޕްރިމިއާ ލީގުގައި ސަންޑަލެންޑަށް ހޯދުނު ދެވަނަ މޮޅެވެ. އަދި މިއީ ވޭތުވެދިޔަ އޮގަސްޓް މަހަށްފަހު އެ ޓީމުން ލީގުގައި މޮޅެއް ހޯދި ފުރަތަމަ ފަހަރުވެސް މެއެވެ. ހުރިހާ މުބާރާތެއް އެކުލެވޭހެން މިއީ ސަންޑަލެންޑްގެ ހަވަނަ މޮޅު ކަމުގައި ވީނަމަވެސް، ލިބުނު ތިން ޕޮއިންޓާއެކުވެސް އެ ޓީމު އަދިވެސް އޮތީ ރެލިގޭޝަން ޒޯނުގައި، ތާވަލުގެ ފުލުގައިވާ ތިން ޓީމުގެ ތެރޭގައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.