އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހު ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި ކުޅުނު މެޗުން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިވުމާ ގުޅިގެން، އެ ޓީމުގެ ކޯޗު މައިކަލް ކެރިކްގެ މަގާމާމެދު އަނެއްކާވެސް ބޮޑެތި ސުވާލުތަކެއް އުފެދި، އޭނާއަށް އޮތް ޕްރެޝަރު އިތުރަށް ބޮޑުވެއްޖެ އެވެ.
މިދިޔަ ހަފުތާގައި އަމިއްލަ ދަނޑުގައި ބޯންމައުތު އަތުން 3-0 އިން ބަލިވި މެޗަށްފަހު ވެސް ކެރިކް ވަކިކުރާނެ ކަމަށް ބެލެވުނު ނަމަވެސް، ކްލަބުން އޭނާއަށް ހާލަތު ބަދަލުކުރުމަށް ފުރުސަތު ދިނެވެ. ނަމަވެސް، ލީގުގައި އެންމެ ފަހުން ކުޅުނު ނުވަ މެޗުން ވެސް މޮޅެއް ނުލިބި އޮތް ޔުނައިޓެޑް މިހާރު އޮތީ ރެލިގޭޝަން ޒޯނާ އެންމެ ޕޮއިންޓެއްގެ ދުރުމިނުގަ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވި އެވެ. ޗެމްޕިއަންސް ލީގުގައި ކޯމޯ އަތުން 4-1 އިން ބަލިވި މެޗުގައި ކެރިކްގެ ޓެކްޓިކްސްއަށް ފާޑުކިޔުމުން މިދިޔަ ހަފުތާގައި ބާކީކުރި ކެޕްޓަން ބްރޫނޯ ފެނާންޑޭސް މި މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު ނަމަވެސް، އޭނާއަށް ލިބުނު ރަނުގެ ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ. މީގެއިތުރުން ބްރަޔަން އެމްބުއޭމޯ އާއި އަމަދު ޑިއާލޯ ފޮނުވާލި ހަމަލާތައް ޗެލްސީގެ ކީޕަރު މައިކް ޕެންޑާސް ވަނީ ދިފާއުކޮށްފަ އެވެ. އަދި މަޓެއުސް ކުންހާ ޖެހި ލަނޑެއް އޮފްސައިޑް ކަމަށް ވަނީ ނިންމާފަ އެވެ.
ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓުގައި ޗެލްސީން ލީޑު ނެގި އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކުރިން މިޑްލްސްބަރާގައި ކެރިކްގެ އިރުޝާދުގެ ދަށުން ކުޅުނު މޯގަން ރޮޖާސް އެވެ. އޭނާ ވަނީ ޔުނައިޓެޑްގެ ޑިފެންސް ފޫއަޅުވާލުމަށްފަހު ކީޕަރު ސެން ލަމެންސްގެ ބޯމަތިން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފަ އެވެ.
ޔުނައިޓެޑަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ އެ ޓީމުގެ ޑިފެންޑަރު ލިސަންދްރޯ މާޓިނޭޒް ދެއްކި ދޯދިޔާ ކުޅުމުގެ ސަބަބުންނެވެ. ކުރު ވަގުތުކޮޅެއްގެ ތެރޭގައި ދެއްކި ދެ ރީނދޫ ކާޑާއެކު އޭނާއަށް ވަނީ ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ. އޭގެ ތެރެއިން ދެވަނަ ކާޑަކީ އޭރިއާ ތެރެއިން ވެސްލީ ފޮފާނާއަށް ކުރި ފައުލަކާ ގުޅިގެން ވީއޭއާރު ބެލުމަށްފަހު ރެފްރީ ޕީޓާ ބޭންކްސް ދެއްކި ކާޑެކެވެ. މި ފައުލާ ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، ކޯލް ޕާމާ ވަނީ ޗެލްސީއަށް ލީޑު ފުޅާކޮށްދީފަ އެވެ.
މެޗުގެ ފަހުބައިގައި ޗެލްސީގެ ސަޕޯޓަރުން ވަނީ "މާދަމާ ހެނދުނު ވަޒީފާއިން ވަކިކުރާނެ" ކަމަށް ގޮވައި ކެރިކަށް މަލާމާތްކޮށް އަޑުއުފުލާފަ އެވެ. މެޗު ނިމުނީ 2-0 އިން ޒަބީ އަލޮންސޯގެ ޗެލްސީ މޮޅުވެގެންނެވެ.
އަންނަ އަންގާރަ ދުވަހު ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި އިޓަލީގެ ރޯމާއާ ދެކޮޅަށް މުހިންމު މެޗަކަށް ޔުނައިޓެޑް ނުކުންނަން ޖެހޭއިރު، އެ މެޗުގެ ކުރިން ކެރިކްގެ މުސްތަގުބަލާމެދު ބޮޑު ނިންމުމެއް ނިންމަން މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް މިވަނީ މަޖުބޫރުވެފަ އެވެ. ޗެމްޕިއަންސް ލީގުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވެފައިވާތީ، ރޯމާ އަތުން ބަލިވެއްޖެނަމަ މުބާރާތުން އަވަހަށް ވަކިވާންޖެހި، މާލީ ގޮތުންނާއި އަބުރަށް ބޮޑެތި ގެއްލުންތަކަކާ ޔުނައިޓެޑަށް ކުރިމަތިލާން ޖެހޭނެ އެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.