ފ. ނިލަންދޫ މުއައްސަސާތަކުގެ މުވައްޒަފުންނަށް “އަރުތަ” ޕްރޮގްރާމް ކުރިއަށް ގެންގޮސްފިއެވެ.

މި ނޮވެންބަރު މަހުގެ 6 އިން 7 އަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ ޒިންމާދާރުކަމާއެކު ގުޅިގެން މަސައްކަތްކޮށް އަމާން އަދި ރައްކާތެރި މުޖުތަމައެއް ބިނާކުރުމަށްޓަކައި ފަރުދީ ޒިންމާ އަދާކުރުމަށް މުވައްޒަފުން ހޭލުންތެރިކުރުވުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ ނިލަންދޫ ޕޮލިހާއި ޕަބްލިކް ޓްރަސްޓް އެންޑް އެންޑް ކޮންފިޑެންސް މެނޭޖްމަންޓް އަދި ރަށު މުއައްސަސާތައް ގުޅިގެންނެވެ.

މި ޕްރޮގްރާމްގައި، މަސައްކަތުގެ މާހައުލުގައި ރިވެތި ބަހުން މުއާމަލާތުކުރުމާއި، އެކުވެރިކަމާއެކު ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި ލީޑަރޝިޕް ހުނަރުތަކާއި ކްރިޓިކަލް ތިންކިންގ އަދި ދިމާވާ ކަންބޮޑުވުންތަކާ ކުރިމަތިލެވޭނެ ފަސޭހަ ގޮތްތަކާއި ސުލްހަވެރިކަމާއި، ވިސްނުންތެރިކަމާއެކު މައްސަލަ ހައްލުކުރާނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއްގެ އިތުރުން ޓީމް ބިލްޑިންގ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

އިޝްތިހާރު އިޝްތިހާރު

މި ޕްރޮގްރާމުގެ ސަބަބުން، މަސައްކަތުގެ މާހައުލުގައި މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ. އަދި އަމިއްލަ ނަފުސަށް ކުރާ އިތުބާރު ބޮޑުވުމާއި، މައްސަލަތައް ހައްލުކުރުމަށް އިތުރަށް ފަސޭހަވެ މަސައްކަތުގެ ފެންވަރު މަތިވެގެންދިއުމާއެކު ހިދުމަތް ދިނުމުގައި އައު އުކުޅުތަކާއި ހުނަރުތައް ދަސްވެ މަސައްކަތުގެ ދާއިރާގައި އިތުރު ކުރިއެރުން ހޯދުމަށް މަގުފަހިވެގެންދާނެއެވެ. ހަމައެހެންމެ މުއައްސަސާގެ ކުރިއެރުމަށް މުވައްޒަފުންގެ އެއްބާރުލުން އިތުރުވުމާއި މުވައްޒަފުންނަކީ އެކުވެރި، އެއްބައިވަންތަ ގައުމީ އަދި ވަތަނީ ރޫހުގައި މަސައްކަތްކުރާ ބަޔަކަށް ވެގެންދާނެއެވެ. މި ޕްރޮގްރާމުގައި 125 މުވައްޒަފުން ބައިވެރިވިއެވެ.

އަރުތަ ޕްރޮގްރާމަކީ ކުށްމަދު އަމާން ރައްކާ މުޖުތަމައެއް ބިނާކުރުމަށްޓަކައި ފަރުދީގޮތުން ޒިންމާ އަދާކުރުމަށް ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުން ހޭލުންތެރިކުރުވުމަށް ޕަބްލިކް ޓްރަސްޓް އެންޑް ކޮންފިޑެންސް މެނޭޖްމަންޓުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.