ދިވެހި ފުލުހުންގެ ޚިދުމަތުން 2027 ވަނަ އަހަރަށް ކަނޑައަޅާ އިސްކަންދޭ ދާއިރާތަކާއި އަހަރީ އެކްޝަން ޕްލޭން އެކުލަވާލުމަށް އަމާޒުކޮށްގެން ބާއްވާ "އެންސީޕީއެލްއީ އެނުއަލް ޕޮލިސިންގ ކޮންފަރެންސް 2026" މިއަދު ފަށައިފިއެވެ.
2026 ނޮވެމްބަރު 8 އިން 10 އަށް އިސްކަންދަރު ކޮށީގައި ކުރިއަށްދާ މި ތިން ދުވަހުގެ ކޮންފަރެންސަކީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް އަދި ސްޓްރެޓީޖިކް ޕްލޭނިންގ އެންޑް ލީގަލް ސަރވިސަސް ގުޅިގެން ބާއްވާ ކޮންފަރެންސެކެވެ.
މި ކޮންފަރެންސަކީ ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އަދި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ ކޮންފެރެންސެކެވެ. މި ކޮންފަރެންސްގައި އިލްމީ ހޯދުންތަކާއި، ދިރާސާތަކާއި އަދި ފުލުހުންގެ އޮޕަރޭޝަނަލް ތަޖުރިބާގެ އަލީގައި، އަމަލީ ގޮތުން ނަތީޖާ ނެރެވޭނެ ހަރުދަނާ ފިޔަވަޅުތަކެއް އެކަށައެޅިގެން ދާނެއެވެ.
މި ކޮންފަރެންސްގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފުލުހުންގެ ހިދުމަތް ބޭނުންވާ މިންވަރާއި، ކުށުގެ ވެއްޓަށް އަންނަމުންދާ ބަދަލުތަކުގެ އިތުރުން ފަންނީ ދިރާސާތަކުގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ. މި މަޝްވަރާތަކުގެ ތެރެއިން، މުއައްސަސާގެ އިސްކަންދޭންޖެހޭ ދާއިރާތައް ދެނެގަނެވި، ސާފު ލަނޑުދަނޑިތަކެއް ކަނޑައެޅި، ދިވެހި ފުލުހުންގެ ޚިދުމަތުގެ 2027 ވަނަ އަހަރުގެ އެކްޝަން ޕްލޭންގައި ހިމެނޭ ވަކިވަކި ޒިންމާތައް ތަރުތީބުކޮށް ކަނޑައެޅިގެންދާނެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.