ތަނެއް ކުރިއަރައި ދިއުމުގައި މުދައްރިބުންނަކީ އެންމެ މުހިންމު ދައުރެއް އަދާކޮށްދޭ އެއްފަރާތް ކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު ވިދާޅުވިއެވެ.
ސީޕީ މިފަދައިން ވިދާޅުވީ ފުލުހުންގެ 42ވަނަ އަސާސީ ތަމްރީނު ކޯހުގެ މުދައްރިބުންގެ އަގުވަޒަންކޮށް، ހަނދާނީ ލިޔުން ދިނުމަށް ބޭއްވި ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުވުމުގައި މުދައްރިބުންނާ މުހާތަބުކުރައްވައި ކޮމިޝަނަރ އިތުރަށް ދެއްކެވި ވާހަކަ ފުޅުގައި، އަސާސީ ތަމްރީނު ކޯހުގެ ކާމިޔާބީއާއި ޕާސިންގ އައުޓް ޕެރޭޑް ހަފުލާ ވަރަށް ކުލަގަދަކޮށް، ފުރިހަމަކޮށް ގެންދިއުމުގައި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް އަދި ވަކިން ހާއްސަކޮށް މުދައްރިބުންގެ ދައުރު ފާހަގަކުރައްވައި މަރުހަބާއާއި ޝުކުރު ދެންނެވިއެވެ.

ކުރިއަށް އޮތް ތަނުގައިވެސް މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ފުރުސަތު ލިބިއްޖެނަ އެކަމަށް އިޖާބަދެއްވުމަށް ބާރުއަޅުއްވައި ކޮމިޝަނަރ ވިދާޅުވީ، ކުދިން ތަމްރީނުކުރުމުގައި، ކުދިންނަށް ކިޔަވައިދިނުމުގައި މި ކުރެވޭ މަސައްކަތަކީ ކިހާ ސީރިއަސް ކަމެއްކަން ދަނެގެން އެ ކަންކަމުގައި އުޅުމުގެ މުހިންމުކަން މިއަދު ތަސައްވަރުކުރެވޭ ކަމަށެވެ. ”މިފަދަ މުހިންމު މުއައްސަސާއެއްގައި ރައްޔިތުން ބޭނުންވާ ފެންވަރަށް ހިދުމަތް ދިނުމުގެ ޒިންމާ ހަވާލުކޮށްގެން މުޖުތަމައުގައި ހަރަކާތްތެރިވާ ކޮންމެ ފުލުހަކަށް، އެ ފުލުހެއްގެ ދައުރު އަދާކުރުމަށްޓަކައި ބޭނުންވާނޭ ތަރުބިއްޔަތާއި އިލްމު އުނގަންނައިދިނުމުގެ އިތުރުން، ބޭނުންވާނޭ އެހެނިހެން ޓްރެއިނިންގތައް ވެސް ހުއްޓުމެއްނެތި ހިންގުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ދެކެން. އަދި ކުރިމަގުގައި އެ މަސައްކަތް އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރާނަން” ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު ވިދާޅުވިއެވެ.
ހަމަ އެހެންމެ، މުދައްރިބުންގެ ގޮތުގައި ނަން ބޭނުންކުރިޔަސް، ހަގީގަތުގައި ކުރެވޭ މަސައްކަތަކީ ކިޔަވައިދިނުމާއި، އުނގަންނައިދިނުމާއި ރަނގަޅު މަގަށް ކުދިން ބައްޓަންކުރުމަށް ވަކިމުއްދަތެއްގެ ތެރޭގައި ވަކިގޮތަކަށް ކުދިންތައް ގެންގުޅެ، އެ ކުދިން ހާނުވައިގެން، މުޖުތަމައަށް ހިދުމަތްދިނުމަށް ތައްޔާރުކުރުމުގެ މަސައްކަތްކަމަށާއި، އެއީ ވަރަށް ބުރަ އަދި މުހިންމު މަސައްކަތެއްކަމަށް ވެސް ކޮމިޝަނަރ ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އިސް އޮފިސަރުން ބައިވެރިވެލެއްވިއެވެ.
އިސްކަންދަރުބިލްޑިންގގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި، ކޯހުގެ މުދައްރިބުންނާއި، ކޯސް ކުރިއަށް ގެންދިއުމުގައި އެކި ގޮތްގޮތުން އެހީތެރިވެދެއްވި މުވައްޒަފުންގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން ދީފައިވެއެވެ. އެ މުވައްޒަފުންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ސީޕީ އަހުމަދު މުހައްމަދުއެވެ.









ކިޔުންތެރިންގެ ހިޔާލު