ސްކޫލެއްގެ ދަރިވަރަކަށް އަމާޒުކޮށް ސޯޝަލް މީޑިއާގައި ބުލީކޮށް، ފުރައްސާރަކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ކަމާބެހޭ އިދާރާތަކާ ގުޅިގެން ފުލުހުން ތަޙުޤީޤުކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ، ސެންޓްރަލް ޕޮލިސް ރީޖަންގައި ހިމެނޭ ރަށެއްގެ ސްކޫލު ދަރިވަރުންތަކެއް، އެހެން ދަރިވަރަކަށް އިންޓަނެޓް މެދުވެރިކޮށް ބުލީކުރި ކަމަށް ބުނާ މައްސަލައެއް ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި މި މައްސަލަ ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ވަރަށް ސީރިއަސްކަމާއެކު ތަޙުޤީޤު ކުރަމުން އަންނަ ކަމަށް ފުލުހުން މަޢުލޫމާތު ދިން ނަމަވެސް، ކުއްޖާގެ ކަރާމާތް ރައްކާތެރިކުރުމުގެ ގޮތުން އިތުރު ތަފްޞީލެއް ހާމައެއް ނުކުރެއެވެ.

އެނގިފައިވާ ގޮތުގައި، އަނިޔާ ލިބުނު ކުއްޖާގެ ފޮޓޯ ބޭނުންކޮށްގެން ހިންގި ޓިކްޓޮކް އެކައުންޓެއް މެދުވެރިކޮށް އެ ކުއްޖާއަށް ބުލީކުރާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. އެ އެކައުންޓުން ކުއްޖާގެ ސިފައަށް މަލާމާތްކޮށް ގިނަ ވީޑިއޯތަކެއް ޢާންމުކޮށްފައިވާއިރު، ހުތުރު ބަހުން ލިޔެ އެ ކުއްޖާއަށް މަރުގެ އިންޒާރުވެސް ދީފައިވެއެވެ. މި މައްސަލަ ސޯޝަލް މީޑިއާގައި ވައިރަލްވެ، ޢާންމުންގެ ބޮޑު ނުރުހުމެއް އަމާޒުވުމާ ގުޅިގެން، އެ އެކައުންޓް މިހާރު ވަނީ ޑިލީޓްކޮށްލާފައެވެ.

އިޝްތިހާރު އިޝްތިހާރު

މި މައްސަލައާ ގުޅިގެން ސްކޫލުގެ އިސްވެރިން ފިޔަވަޅު ނާޅާކަމަށް ބުނެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް، އެ ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވީ އޭނާ މަޤާމާ ޙަވާލުވެވަޑައިގަތީ މީގެ ހަތަރު މަސް ކުރިން ކަމަށެވެ. އަދި މިއީ މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން ހިނގާފައިވާ މައްސަލައެއް ކަމަށާއި، މިހާރު އެ ކުއްޖާއަށް ބުލީކުރަމުންދަނީ އެ ސްކޫލުން ވަކިވެފައިވާ ދަރިވަރެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން، މި މައްސަލަ ބެލުމަށް އަލުން ފަށައި، ތަޙުޤީޤީ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ޕްރިންސިޕަލް ވިދާޅުވިއެވެ.