އެމެރިކާގެ މޭޖާ ލީގު ސޮކާ (އެމްއެލްއެސް) ގެ ތާރީޚުގައި ވިދިވިދިގެން ދެ ފަހަރު ރަން ބޫޓު ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު އިންޓަ މިއާމީގެ ތަރި ލިއޮނެލް މެސީ ހޯދައިފިއެވެ.
އުމުރުން 39 އަހަރުގެ މެސީ މި ތާރީޚީ ކާމިޔާބީ ހާސިލުކުރީ 2026 ވަނަ އަހަރުގެ އެމްއެލްއެސް ރެގިއުލާ ސީޒަންގައި ޖެހި 26 ލަނޑާއެކު، ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ދިފާއުކޮށްގެންނެވެ. މިއީ އޭނާގެ އުމުރުން ދުވަސްވީ ނަމަވެސް، ދުނިޔޭގެ ފެންވަރުގައި އަދިވެސް އޭނާއާ އެއްވަރުގެ އެހެން ކުޅުންތެރިއަކު ނެތްކަން ސާބިތުކޮށްދިން ކަމެކެވެ.
މި ސީޒަނުގައި ކުޅުނު 31 މެޗުގެ ތެރެއިން 29 މެޗުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު މެސީ ވަނީ 26 ލަނޑުގެ އިތުރުން، އެހެން ކުޅުންތެރިންނަށް ލަނޑު ޖަހަން 17 ފުރުސަތު ނުވަތަ އެސިސްޓް ތަނަވަސްކޮށްދީފައެވެ. މިއާއެކު ޖުމްލަ 43 ލަނޑުގައި އޭނާގެ ހިއްސާ އޮވެ، އޭނާ ވެފައިވަނީ މި ސީޒަނުގައި އެންމެ ގިނަ ލަނޑުގައި ހިއްސާވި ކުޅުންތެރިޔާއަށެވެ. މެސީ މި އެވޯޑު ހޯދީ ދެވަނައިގައި އޮތް އެފްސީ ޑެލަސްގެ ފޯވާޑް ޕީޓާ މޫސާއަށް ވުރެ 4 ލަނޑު އިތުރަށް ޖަހައިގެންނެވެ. ލިސްޓުގެ ތިންވަނަ 21 ލަނޑާއެކު ހޯދީ ނޭޝްވިލް އެސްސީގެ ސޭމް ސަރިޖްއެވެ.
މިއީ އެމްއެލްއެސްގެ އެއް ސީޒަނަށް ވުރެ ގިނަ ސީޒަނުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު ކުޅުންތެރިއަކު ހޯދި 6 ވަނަ ފަހަރެވެ. މީގެ ކުރިން، 2025 ވަނަ އަހަރުގެ ސީޒަނުގައި ވެސް މެސީ ވަނީ 28 މެޗުން 29 ލަނޑު ޖަހައިގެން ގޯލްޑަން ބޫޓް ހާސިލުކޮށްފައެވެ.
މި ކާމިޔާބީއާއެކު، 2024 އަދި 2025 ވަނަ އަހަރު އެމްއެލްއެސްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ މެސީއަކީ މި އަހަރުގެ ވެސް އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް އެންމެ ބޮޑަށް ވާދަކުރާ ކުޅުންތެރިޔާއެވެ. ދާދި ފަހުން އާޖެންޓީނާގެ ގައުމީ ޓީމުން ރިޓަޔާވި މެސީ މި އެވޯޑު ކާމިޔާބުކޮށްފިނަމަ، އޭނާ ވެގެންދާނީ އެމްއެލްއެސްގެ ތާރީޚުގައި ތިން ފަހަރު އެ އެވޯޑު ހާސިލުކުރާ ފުރަތަމަ ކުޅުންތެރިޔާއަށެވެ.
އިންޓަ މިއާމީގެ ހެޑް ކޯޗު ކިލީ ގޮންޒާލޭޒް ބުނެފައިވަނީ، މި ތާރީޚީ އެވޯޑު މެސީއަށް މި ފަހަރު ވެސް ހައްގުވާ ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށާއި، އޭނާގެ ތަފާތު މޮޅު ކުޅުން ދަނޑުމަތީގައި ސާބިތުކޮށްދީފައިވާ ކަމަށެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.