ސިފައިންގެ ހިތްވަރާއި ކުރެއްވި މަތިވެރި ޖިހާދަކީ އެއިން އިބުރަތް ލިބިގަންނަންޖެހޭ ފިލާވަޅުތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ފާހަގަ ކުރާ ދިވެހިރާއްޖޭގެ 38 ވަނަ ނަޞްރުގެ ދުވަހުގެ މުނާސަބާގައި އެކްސްގައި ހިއްސާ ކުރެއްވި މެސެޖެއްގައެވެ.
ރައީސްގެ މެސެޖްގައި އެމަނިކުފާނު ވަނީ ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފަޚުރުވެރި ދިވެހި ސިފައިންނާއި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވައިފައެވެ.
"އަޅުގަނޑުމެންގެ މި ދިވެހި ފަސްގަނޑު މިނިވަންކަން މަތީ ދެމިއޮތުމުގައި ދިވެހި ސިފައިންގެ ހިތްވަރާއި ކުރެއްވި މަތިވެރި ޖިހާދަކީ އެއިން އިބުރަތް ލިބިގަންނަންޖެހޭ ފިލާވަޅުތަކެއް." ރައީސްގެ މެސެޖްގައި ވިދާޅުވެފައިވެއެވެ.
ނޮވެންބަރަކީ ދިވެހި ތާރީޚުގައި ފާހަގަކުރެވޭ އެންމެ ހިތާމަވެރި އަދި އެންމެ ފަޚުރުވެރި އެއް ދުވަހެވެ. 1988 ނޮވެންބަރު 3 ގައި ދިވެހިންގެ ތެރެއިން ޚިޔާނާތްތެރިވި ބަޔަކު އަޑީގައި ތިބެ، ބޭރުގެ ކުލީ ހަނގުރާމަވެރި ޓެރަރިސްޓް ޖަމާޢަތަކާ އެކު މާލެއަށް ދިން ނުރައްކާތެރި ޢުދުވާނީ ޙަމަލާއިން ދިވެހިފަސްގަނޑާއި އިސްލާމްދީން ޙިމާޔަތްކުރުމަށް ސިފައިންނާއި އާންމު ރައްޔިތުން ވަނީ ޤުރުބާންވެފައެވެ.
މި ޢުދުވާނުގައި 19 ދިވެހިން (8 ސިފައިންނާއި 11 އާންމުން) ޝަހީދުވިއެވެ. މި ދުވަސް ނަޞްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، މާތް ﷲ ގެ ޙަޟްރަތުން ދިވެހި އުއްމަތަށް ލިބުނު މަތިވެރި ނަޞްރާއި، ޤައުމީ އަބްޠާލުންވީ މަތިވެރި ޤުރުބާނީގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.