ވިޔަފާރި އުސޫލުން ކާބޯތަކެތި އުފައްދާ ގޭގެއަށް އަންނަ މަހު ޒިޔާރަތްކޮށް، އިންސްޕެކްޝަން ހެދުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ އެމްއެފްޑީއޭއިން ވިދާޅުވެއްޖެއެވެ.
އެމްއެފްޑީއޭއިން ވިދާޅުވީ އެ އޮތޯރިޓީގައި ދަފްތަރުކޮށްފައިވާ އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަަސައްކަތްކުރާ ފަރާއްތަކުން، އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަަސައްކަތުގައި އަމަލު ކުރަންވީ ގޮތުގެ މިންގަނޑަށް އަމަލުކުރާގޮތް ބެލުމަށްޓަކައި ސަރވެއިލަންސް އިންސްޕެކްޝަންތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށެވެ.
MFDA@MFDA_mv
އަންނަ މަހުގެ 5 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށް އިންސްޕެކްޝަން ކުރިއަށް ދާނެ ކަމަށާއި، އެމުއްދަތުގެ ތެރޭގައި ކާބޯތަކެތި ތައްޔާރުކުރާ ގޭގެއަށް އެ އޮތޯރިޓީގެ އިންސްޕެކްޓަރުން ޒިޔާރަތްކުރާނެކަމަށްވެސް އެ އޮތޯރިޓީން ވަނީ ފާހަގަކޮށްފައެވެ.
ކަނޑައަޅާފައިވާ މިންގަނޑުތަކާ ޚިލާފަށް ކާބޯތަކެތި ބަންދުކޮށް، ލޭބަލްކުރާނަމަ ބޮޑު އަދަދުތަކުން ޖޫރިމަނާ ކުރެވޭގޮތަށް ގަވާއިދެއް މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ވަނީ ހަދާފައެވެ. އެގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގައި ކާބޯތަކެތި ބަންދުކުރަންވާނީ ކާބޯތަކެތި ބަންދުކުރުމަށް ޚާއްޞަކޮށްފައިވާ ފުޑް ގްރޭޑަޑް މެޓީރިއަލްތަކުގައެވެ. އަދި ކާބޯތަކެތި އެޅުމަށް ޚާއްޞަކޮށްފައިވާ ކަންވާރު ނޫން ކަންވާރުތަކާއި އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލަން ހަދާފައި ހުންނަ ޕޮލިއިތެލިން ޓެރެފްތަލޭޓް ނުވަތަ ޕެޓް ފުޅިފަދަ ޕްލާސްޓިކް ފުޅީގައި ކާބޯތަކެތި ބަންދުކުރުމަކީ މަނާކަމެއް ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
މީގެ އިތުރުން ކެފޭ ރެސްޓޯރެންޓްތަކާއި ހޮޓާ އަދި ފުޅާދާއިރާއެއްގައި ކާބޯތަކެތީގެ ވިޔަފާރި ކުރައްވަ ފަރާތްތަކަށް 2024ވަނަ އަހަރު އެމްއެފްޑީއޭއިން ވަނީ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި ފަރާތްތައް ރަޖިސްޓަރކޮށް، ލައިސަންސް ދޫކުރުމުގައި ޢަމަލުކުރާނެ އިންތިޤާލީ އުޞޫލު ބަޔާންކުރާ ޤަވާއިދެއް އެކުލަވާލާ އާންމުކޮށްފައެވެ.
މި ގަވައިދުގައިވާ ގޮތުގައި މީހުން ދިރިއުޅޭ ތަންތަނުގައި ކާބޯތަކެތި ފޯރުކޮށްދިނުމަށް ހަދާ ތަންތަނާއި ކާބޯތަކެތީގެ ޚިދުމަތް ފޯރުކޮށްދިނުމަށް ވަގުތީ ގޮތުން ޤާއިމުކުރާ މާރުކޭޓުތަކާއި ގާޑިޔާތައްފަދަ ތަކެތި ރަޖިސްޓަރކުރުން ލާޒިމް ނުވާނެކަމަށްވެއެވެ. ނަމަވެސް މިތަންތަނުންވެސް ކާބޯތަކެތި އުފައްދައި ވިއްކުމުގެ މަސައްކަތް ކުރަންވާނީ، ކާބޯތަކެތި އުފެއްދުމާ ގުޅޭގޮތުން އޮތޯރިޓީން ކަނޑައަޅާ މިންގަނޑާ އެއްގޮތަށްކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.