ރާއްޖެއަށް ހުއްދަ ނެތި ބޭސް އެތެރެކުރާ ފަރާތްތައް އެއް ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭ ގޮތަށް ބޭހާ ބެހޭ އާ ގަވާއިދެއް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އާންމުކޮށްފިއެވެ. މި ގަވާއިދަކީ އާންމުން ބޭނުންކުރާ ބޭހަކީ އެއިން ކުރަންޖެހޭ އަސަރު އެންމެ ފުރިހަމައަށް ކުރާ، ފެންވަރު ރަނގަޅު އަދި ރައްކާތެރި ބޭސްކަން ކަށަވަރުކުރުމާއެކު، ނަހަމަ ގޮތުގައި ބޭސް ބޭނުންކުރުން ހުއްޓުވައި ހުއްދަ ނޫން ބޭހުގެ މުއާމަލާތްތައް ހުއްޓުވުމުގެ މަގުސަދުގައި އެކުލަވާލާފައިވާ ގަވާއިދެކެވެ.
މި ގަވާއިދުގެ ދަށުން ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ވިއްކުމާއި، ގުދަންކުރުމުގެ އިތުރުން ބޭސް ނައްތާލުމާ ބެހޭ ހަރުދަނާ މިންގަނޑުތަކެއް ވަނީ ކަނޑައަޅައިފައެވެ. އާ ގަވާއިދުގައިވާ ގޮތުން، ސިއްހީ ހިދުމަތުގެ ގައުމީ ނިޒާމުގައި ބޭނުން ކުރުމަށް ހުއްދަ ދޭ ބޭހުގެ ލިސްޓެއް 30 ދުވަސް ތެރޭގައި އެމްއެފްޑީއޭއިން އާންމުކުރަން ޖެހޭނެއެވެ. އަދި އެ ލިސްޓުގައި ނުހިމެނޭ ޑޮކްޓަރީ ބޭހާއި، އޮލްޓަނޭޓިވް ބޭސް އަދި ދިވެހި ބޭސް އެތެރެކުރުމަކީ މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފައެވެ.
މީގެ އިތުރުން ބޭސް އުފައްދާ ފަރާތްތަކުން ފެށިގެން ފާމަސީތަކާ ހަމައަށް އެމްއެފްޑީއޭގައި ރަޖިސްޓްރީވާން ޖެހޭނެކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. ބޭސް އެތެރެކުރެވޭނީ ދިވެހި ރައްޔިތަކަށް ނުވަތަ ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏަކަށް އެކަންޏެވެ. އަދި ބޭހުގެ ފެންވަރު ދަށްވުމުގެ ސަބަބުން ރިކޯލް ކުރަންޖެހިއްޖެ ނަމަ، އެ އުފެއްދުންތެރިޔާ ބްލެކްލިސްޓު ނުވަތަ ސަސްޕެންޑު ކުރުމުގެ އިހުތިޔާރު އެމްއެފްޑީއޭއަށް ލިބިގެންވެއެވެ. ހަމައެއާއެކު ބޭސްފިހާރަތަކުގައި މަސައްކަތްކުރާ ބިދޭސީ ފާމަސިސްޓުންގެ ދިވެހިބަސް ދަންނަކަމުގެ ލިޔުމެއް އޮތުންވެސް މިހާރު ވަނީ ލާޒިމުކޮށްފައެވެ.

ހުއްދަ ނެތި ބޭސް އެތެރެކޮށްފިނަމަ ނަސޭހަތް ދިނުމުން ފެށިގެން 10,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ފަދަ ހަރުކަށި ފިޔަވަޅުތައް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހުއްދަ ވަގުތީގޮތުން ހިފެހެއްޓުން ނުވަތަ ބާތިލުކުރުން ފަދަ ފިޔަވަޅުތައް ވެސް އެޅޭނެއެވެ. އެމްއެފްޑީއޭއިން އާންމުކުރި މި އާ ގަވާއިދަށް އަމަލުކުރަން ފަށާނީ ގަވާއިދު އާންމުކުރިތާ 90 ދުވަސް ފަހުންނެވެ.









ކިޔުންތެރިންގެ ހިޔާލު