ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހަރަކާތްތެރިވާ ފުޑް އިންސްޕެކްޓަރުންގެ މަސްއޫލިއްޔަތުތަކާއި، އެ ފަރާތްތަކުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑުތައް ބަޔާންކުރާ “ކާބޯތަކެތީގެ އިންސްޕެކްޓަރުންގެ ގަވާއިދު” މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން މިއަދު ގެޒެޓުކޮށްފިއެވެ.
މިއީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ހެދި ގަވާއިދެކެވެ. އެ ގަވާއިދުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ކާބޯތަކެތީގެ އިންސްޕެކްޓަރުން އައްޔަނުކުރުމުގެ އުސޫލުތައް ކަނޑައެޅުމާއި، އެ ފަރާތްތަކުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބަޔާންކުރުން ހިމެނެއެވެ. މީގެ އިތުރުން، އިންސްޕެކްޓަރުން މަސައްކަތުގައި ގެންގުޅެންޖެހޭ ސުލޫކީ މިންގަނޑާއި އަސާސީ އުސޫލުތައް ކަނޑައަޅައި، ގާނޫނާ ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ ނިޒާމެއް ގާއިމުކުރުން ހިމެނެއެވެ.
ގަވާއިދުގައިވާ ގޮތުން، ކާބޯތަކެތި އުފައްދާ، ތައްޔާރުކުރާ، ބަންދުކުރާ، ރައްކާކުރާ އަދި ވިއްކާ ތަންތަން ބަލައި ފާސްކުރުމުގެ ފުރިހަމަ ބާރު އިންސްޕެކްޓަރުންނަށް ލިބިގެންވެއެވެ. އެގޮތުން ދުރާލައި އެންގުމަކާ ނުލައި ނުވަތަ ނޯޓިސް ދިނުމަކާ ނުލައި ވިޔަފާރިކުރާ ތަންތަނަށް ވަދެ ފާސްކުރުމާއި، ކާބޯތަކެތީގެ ސާމްޕަލް ނަގައި ޓެސްޓުކުރުމާއި، ތަންތަނުގެ ރެކޯޑުތަކާއި ލިޔެކިޔުންތައް ބަލައި ކޮޕީ ހެދުމުގެ އިތުރުން މިންގަނޑަށް ނުފެތޭ ތަކެތި ހިފެހެއްޓުމާއި، އާންމު ސިއްހަތަށް ނުރައްކާވާ ހާލަތްތަކުގައި އެފަދަ ތަކެތި ނައްތައިލުމުގެ ބާރު ލިބިގެންވެއެވެ.

ނަމަވެސް، މީހުން ދިރިއުޅޭ ތަނެއް ފާސްކުރާ ނަމަ، ވެރިފަރާތުގެ ހުއްދަ ނުވަތަ ކޯޓު އަމުރެއް ހޯދަންޖެހޭނެކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
ފުޑް އިންސްޕެކްޓަރުންނަކީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު މަސައްކަތްކުރާ ބަޔަކަށް ވާންޖެހޭނެކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން، މަސްލަހަތު ފުށުއަރާ ފަދަ އެއްވެސް ކަމެއް ކުރުމާއި، ކާބޯތަކެތީގެ ހިދުމަތްދޭ ތަނެއް ހިންގުމުގައި ބައިވެރިވުމާއި، ހަދިޔާ ނުވަތަ މާލީ މަންފާ ހޯދުމަކީ މަނާ ކަމެއްކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. އަދި އިންސްޕެކްޝަން ރިޕޯޓުތަކުގައި ދޮގު މައުލޫމާތު ހިމެނުމަކީވެސް ސުލޫކާ ހިލާފު އަމަލެއްކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
އިންސްޕެކްޓަރަކު ގާނޫނާއި ގަވާއިދާ ހިލާފުވެއްޖެ ނަމަ، އެ ކަމެއްގެ ކުޑަބޮޑުމިނަށް ބަލައި 5,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
ޖޫރިމަނާ ކުރާނެ މިންގަނޑުތަކަކީ:
- ފުރަތަމަ ފަހަރަށް: 5,000 ރުފިޔާ
- ދެވަނަ ފަހަރަށް: 10,000 ރުފިޔާ
- ތިންވަނަ ފަހަރަށް: 25,000 ރުފިޔާ
- ހަތަރުވަނަ ފަހަރަށް: 50,000 ރުފިޔާ
- ފަސްވަނަ ފަހަރު ނުވަތަ އެއަށްވުރެ ގިނަ ފަހަރު: 100,000 ރުފިޔާ
މީގެ އިތުރުން، ސިވިލް ސާވިސް ގަވާއިދުގެ ދަށުން އިދާރީ ފިޔަވަޅު އެޅުމުގެ އިހުތިޔާރު އެމްއެފްޑީއޭއަށް ލިބިގެންވާކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
ގަވާއިދުގެ ދަށުން އިންސްޕެކްޓަރުންނާ ގުޅޭ ޝަކުވާ ހުށަހެޅުމުގެ ހައްގު ކޮންމެ ފަރާތަކަށް ލިބިގެންވެއެވެ. އަދި އިންސްޕެކްޓަރަކު ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭ ނަމަ، 15 ދުވަހުގެ ތެރޭގައި އެމްއެފްޑީއޭއަށް ޝަކުވާ ހުށަހެޅޭނެކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވާއިރު، އެމްއެފްޑީއޭއިން އެ ޝަކުވާއަކަށް 30 ދުވަހުގެ ތެރޭގައި ޖަވާބެއް ދޭންޖެހޭނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.









ކިޔުންތެރިންގެ ހިޔާލު