ސައުތު ސެންޓްރަލް ޕޮލިސް ޑިވިޜަންގައި ހިމެނޭ ރަށެއްގައި ތިން ދަރިވަރަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ދެ ބިދޭސީ ޓީޗަރަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މި ދެ މައްސަލައަކީ ވެސް އެ ރަށު ސްކޫލުގައި މަސައްކަތް ކުރަމުންދިޔަ ދެ މުދައްރިސުންނާ ދެކޮޅަށް، މި މަހުގެ ތެރޭގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ދެ މައްސަލައެކެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، އޭގެ ތެރެއިން ފުރަތަމަ މައްސަލައަކީ އެ ރަށު ސްކޫލުގެ ޓީޗަރަކު 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ކަމަށެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ 11 އޮކްޓޫބަރު 2026 ގައެވެ.

އިޝްތިހާރު އިޝްތިހާރު

މި މައްސަލައާ ގުޅިގެން 14 އޮކްޓޫބަރު 2026 ގައި ކޯޓު އަމުރެއްގެ ދަށުން 52 އަހަރުގެ ބިދޭސީ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތެއް ބަންދަށް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ދެވަނަ މައްސަލައަކީ އެ ރަށު ސްކޫލުގެ ޓީޗަރަކު 12 އަހަރާއި 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 17 އޮކްޓޫބަރު 2026 ގައެވެ.

މި މައްސަލައިގެ ތުހުމަތުގައި 23 އޮކްޓޫބަރު 2026 ގައި ކޯޓު އަމުރެއްގެ ދަށުން 52 އަހަރުގެ ބިދޭސީ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ބުނި ގޮތުގައި މި ދެ މައްސަލަވެސް އެ އިދާރާއިން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކަކީ ފުލުހުން ވަރަށް ސީރިއަސްކޮށް ބަލަމުންދާ މައްސަލަތަކެކެވެ.