ރާއްޖެއާއި ޕާކިސްތާނުގެ މެދުގައި ވައިގެ މަގުންނާއި ކަނޑުގެ މަގުން ދަތުރުތައް ފެށުމުގެ މަސައްކަތް ކުރިއަށްގެންދަން އެ ގައުމުގެ ބޮޑުވަޒީރު މުޙައްމަދު ޝެހެބާޒު ޝަރީފު އެ ގައުމުގެ ކަމާ ގުޅުންހުރި ވުޒާރާތަކާއި އިދާރާތަކަށް އިރުޝާދު ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޕާކިސްތާނަަށް ކުރައްވަމުންދާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މިއަދު ކުރިއަށްގެންދިޔަ ފޯރަމު ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ޝެހެބާޒު ފާހަގަކުރެއްވި ގޮތުގައި ދެ ގައުމުގެ މެދުގައި ވިޔަފާރިކުރާ މިންވަރު އިތުރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒާއި އެމަނިކުފާނުވަނީ އެއްބަސްވެވަޑައިގެންފައެވެ.
ޝެހްބާޒު ވިދާޅުވީ މިހާރު ރާއްޖެއާއި ޕާކިސްތާނުގެ މެދުގައި ހިނގާ ވިޔަފާރީގެ މުއާމަލާތްތަކުގެ އަގަކީ ގާތްގަނޑަކަށް 13 މިލިއަން ޑޮލަރެވެ. އެ ވިޔަފާރީގެ އަދަދު ކުރިއަށް އޮތް ދެ އަހަރު ތެރޭ 200 މިލިއަން ޑޮލަރަށްވުރެ މަތިކުރުމަށް ދެ ގައުމުން އެއްބަސްވެފައިވާކަން ފާހަގަކުރައްވަމުން ބޮޑުވަޒީރު ވިދާޅުވި ގޮތުގައި ބިޒްނަަސް ފޯރަމުގައި ދެ ގައުމުގެ ވިޔަފާރިވެރިން ބައިވެރިވުމާއެކު އެއީ ވިޔަފާރި އިތުރުކުރުމުގެ އަމަލީ ޕްލޭނެއް އެކުލަވައިލުމަށް ލިބޭ ފުރުސަތެކެވެ.
"މި ފުރުސަތުގެ ބޭނުން ހިފުމަކީ އަޅުގަނޑުމެންގެ ކަމެއް. ދިރާސާކުރުމަށްފަހު މި އަމާޒުތައް ހާސިލުކުރުމަށް ފުރިހަމައަށް ތައްޔާރުވެ، ދެ ގައުމު ގުޅިގެން އެކުގައި ރޭވުންތެރިކަމާއެކު މަސައްކަތްކޮށްގެން އެކަން ހަގީގަތަކަށް ހެދޭނެ،" ޝެހެބާޒު ވިދާޅުވިއެވެ.
ޝެހެބާޒު ވިދާޅުވި ގޮތުގައި ޕާކިސްތާނު ސަރުކާރުންވަނީ އެ އަމާޒު ހާސިލުކުރުމަށްޓަކައި، ރައީސް މާލެއަށް ވަޑައިގެންނެވުމާއެކު ރާއްޖެއަށް މުދާ އެތެރެކުރުމުގެ ތަޖުރިބާ ލިބިފައިވާ ޕާކިސްތާނުގެ ވިޔަފާރިވެރިންނާ އެ ގައުމުގެ ވަޒީރުންނާއި މަސްއޫލުވެރިންގެ މައްޗަށް އެކުލެވޭ ވަަފުދެއް ރާއްޖެއަށް ފޮނުއްވަން ނިންމަވާފައިވެއެވެ. ކުރިއަށް އޮތް ހަފުތާއެއްހައި ދުވަހުގެ ތެރޭގައި އެ ވަފުދު ރާއްޖެއަށް އަންނާނެ ކަމުގެ ޔަގީންކަން ބޮޑުވަޒީރު ދެއްވިއެވެ.
ބޮޑުވަޒީރު ވިދާޅުވި ގޮތުގައި ދެ ގައުމުގެ މެދުގައި ހިނގާ ވިޔަފާރި އިތުރުކުރުމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތަކަކީ މިހާރުއްސުރެ ފަށައިގެން ހުއްޓުމެއް ނެތި ކުރަންޖެހޭ މަސައްކަތެކެވެ.
ދެ ގައުމުގުެ މެދުގައި ވިޔަފާރީގެ ގުޅުން ހަރުދަނާކުރުމަށް ދެ ގައުމުގެ މެދުގައި ދަތުރުފަތުރު ފަސޭހަކުރަންޖެހޭކަން ފާހަގަކުރައްވަމުން ޝެހެބާޒު ވިދާޅުވީ މިހާރު ރާއްޖެއާއި ޕާކިސްތާނުގެ ދެމެދުގައި ސީދާ ދަތުރުތައް ނެތް ނަމަވެސް ވައިގެ މަގުން ގުޅައިލުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.
ބޮޑުވަޒީރު ވިދާޅުވި ގޮތުގައި ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިން ނުވަތަ އެގައުމުގެ އެހެނިހެން އެއާލައިންތައް މެދުވެރިކޮށް ރާއްޖެއާއި ޕާކިސްތާނުގެ މެދުގައި ސީދާ ދަތުރުތައް ފެށުމުގެ ފީސިބިލިޓީ ބެއްލެވުމަށް އެގައުމުގެ ވައިގެ ދަތުރުފަތުރާ ބެހޭ ވަޒީރަށް އަންގަވާފައިވެއެވެ. އަދި ރާއްޖޭގެ ގައުމީ އެއާލައިނުން ޕާކިސްތާނާއި ރާއްޖެއާ ދެމެދު ދަތުރުތައް ފެށުމުގެ މަސައްކަތް ފަށައިގަތުމަށް ރައީސް ޑރ.މުޢިއްޒު އެ ކުންފުންޏަށް އިރުޝާދު ދެއްވާފައިވާކަން ފާހަގަކުރެއްވިއެވެ.
ހަމައެފަދައިން ކަނޑުމަގުން ރާއްޖެއާއި ޕާކިސްތާނު ގުޅައިލުމަކީ ވިޔަފާރި އިތުރުކުރުމަށް ކުރަންޖެހޭ ކަމެއްކަން ފާހަގަކުރައްވަމުން ބޮޑުވަޒީރުވަނީ ދެ ގައުމުގެ ކަމާބެހޭ ވުޒާރާތަކުގެ މެދުގައި މަޝްވަރާކުރެވިގެން ވިޔަފާރީގެ އަމާޒުތައް ކުރު މުއްދަތުގައި ހާސިލުވާނެ ގޮތަށް ޕްލޭނެއް އެކުލަވައިލެއްވުމަށް ޕާކިސްތާނުގެ ކަމާބެހޭ ވަޒީރަށް އިރުޝާދު ދެއްވާފައެވެ.
ވިޔަފާރިތައް އިތުރުކުރުމުގެ މަސައްކަތް ބަހަވީ ގޮތުން ވެވިފައި އޮތް އެއްބަސްވުމަކުން ލިޔެކިޔުމުން ވެވިފައިވާ އެއްބަސްވުމަކަށް ބަދަލުކުރުމަކީ މުހިއްމު ކަމެއް ކަމުގައިވެސް ބޮޑުވަޒީރު ޝެހެބާޒު ފާހަގަކުރެއްވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.