ރާއްޖޭގެ ހަތަރު ރަށެއްގައި މިސްކިތް ބިނާކުރުމުގެ މަޝްރޫއުތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މާލީ ވުޒާރާއިން އަލުން ހުޅުވާލައިފިއެވެ.
މިގޮތުން ބީލަމަށް ހުޅުވާލާފައިވަނީ ގދ. މަޑަވެލި، ގދ. ފަރެސްމާތޮޑާ، ތ. އޮމަދޫ އަދި ލ. ކަލައިދޫގައި މިސްކިތް އިމާރާތް ކުރުމުގެ މަޝްރޫއުތަކަށެވެ.
މި މަޝްރޫއުތަކުގެ ބީލަމުގައި ބައިވެރިވެވޭނީ، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާގެ “އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު”ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. އަދި އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ “ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ”އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

މި މަސައްކަތްތަކަށް ޝަރުތުހަމަވާ ފަރާތެއް ހޮވުމުގެ ކަންކަން ކުރިއަށްދާނީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން “ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ” (އެންސީބީ) އުސޫލުންނެވެ. މި ބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި، އިވެލުއޭޓްކުރުމުގައި ބަލާނެ މިންގަނޑުތައް ބީލަން ފޮތުގައި ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ.
މާލީ ވުޒާރާއިން ބުނީ މި ބީލަމުގައި ބައިވެރިވުމަށްޓަކައި ކޮންމެ މަސައްކަތަކަށް 500 ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެކަމަށެވެ. ފީ ބަލައިގަތުން ކުރިއަށްދާނީ މި މަހުގެ 7 އިން 19 ވަނަ ދުވަހުގެ ނިޔަލަށް، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން މެންދުރުފަހު 14:00 އަށް “ބަނޑޭރި ޕޭ” މެދުވެރިކޮށެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ދާއިރާއިން ގިނަ މަޝްރޫއުތަކެއް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދާއިރު މިސްކިތްތަކާއި، އިސްލާމީ މަރުކަޒުތަކާއި، ކީރިތި ގުރްއާނާ ބެހޭ ގައުމީ މަރުކަޒުގެ ގޮފިތަކުގެ އިތުރުން ވަގުފު އިމާރާތްތައް ބިނާކުރުން ހިމެނޭހެން، ޖުމްލަ 70 އަށްވުރެ ގިނަ މަޝްރޫއު މިހާރު ވެސް ދަނީ ކުރިއަށެވެ.










ކިޔުންތެރިންގެ ހިޔާލު